ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ފެނަކަ ކޯޕަރޭޝަނުން އެއްބަސްވުމެއް ނުހެދުމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިމުނު ގޮތް ކުޅުދުއްފުށި ސިޓީ ކައުންސިލުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ކުރިން ހުކުމްކޮށްފައިވަނީ ފެނަކައިގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ ކަމަށެވެ. އަދި ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދިނުމަކީ ސަރުކާރުން ފެނަކަ މެދުވެރިކޮށް ފޯރުކޮށްދެމުންދާ ހިދުމަތެއް ކަމަށްވެސް ސިވިލް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
ސިވިލް ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފެދޭ މިފަދަ ގާނޫނީ ބަހުސްތައް ކުރަންޖެހޭނީ ދިވެހި ދައުލަތާ ނުވަތަ ބަންޑާރަނައިބުގެ އޮފީހާ ދެކޮޅަށް ކަމަށެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވީ ނަމަވެސް، އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

