ސަރުކާރުން ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަންނަނީނަމަ، ހައްޤުތައް ހޯދުމަށް ނިކުންނައިރު މާދެރަ ގޮތްތައް މެދުވެރިވެދާނެކަމަށާއި ސަރުކާރުން މިކަމަށް ވިސްނަންޖެހޭކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ، ރޭ ބޭއްވި އެމްޑީޕީގެ ދަތިވެއްޖެ މުޒާހަރާގައި ވާހަކަ ދައްކަވަމުންނެވެ.
ރައްޔިތުންގެ ހައްޤުތަކަކީ އެމްޑީޕީން ވަރަށް އުނދަގުލުން ހޯދި ހައްޤުތަކެއް ކަމަށާއި އެ ހައްޤުތައް ސަރުކާރުން ނިގުޅައެއް ނުގަނެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ، މިއަދު ރައްޔިތުންނަށް ގެއްލިގެން އުޅޭ ހައްޤުތަކަކީ އެމްޑީޕީން ވަރަށް އުނދަގުލާއި ތަކުލީފުން ހޯދައިދިން ހައްގުތަކެއް ކަމަށެވެ. އެހެންކަމުން މިއަދު ރައްޔިތުންނަށް ދިމާވާ އުދަގޫތަކާއި ތަކުލީފުތަކާއި އުދާސްތަކުގައި އެ ޕާޓީ ސާބިތުކަމާއެކު ދެމި އޮންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ކާކުތޯ ރާއްޖޭގެ ކޮން ރައްޔިތެއްތޯ މިއަދު އެމީހަކަށް ދެއްކެން އޮތް ގޮތަކަށް ދެއްކެން އޮތް ތަނެއްގައި ނުދައްކަނީ؟ ހައްޤުތައް ތިގޮތަައް ނިގުޅައިގެންފިކަމަށް ވަނީނަމަ އެ ހައްޤުތައް ހޯދަން ނިކުންނަ ވަގުތު މާ ދެރަ ގޮތްތައް ދިމާވެފައި ހުންނަނީ. ސަރުކާރުން މިކަމާ ވިސްނަވާ“ ފައިސަލް
ފައިސަލް ވިދާޅުވީ، 2004 ވަނަ އަހަރުގެ އޮގަސްޓް ބާރަ ތޭރަ ހަނދުމަފުޅު ހުންނެވިކަމަށާއި ރައްޔިތުންގެ ހައްޤުތައް ސަރުކާރުން ނިގުޅައިގަންނަކަމަށް ވަނީނަމަ އެކަމާ ދެކޮޅަށް އަޑު އުފުލާނެކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ދިމާވާ ދަތި އުނދަގުލާއި އަދި ކޮންމެ ރައްޔިތެއްގެ އިހުސާސާއި ކެކުޅުންތަކުގައި ހުއްޓުމެއް ނެތި އެމްޑީޕީން މަސައްކަތް ކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފައިސަލް ވަނީ ސަރުކާރުން ބޭކާރު އެތަކެއް މަޝްރޫއުތަކެއް ހިންގުމުގެ ސަބަބުން މިކަމުގެ ތަކުލީފު އުފުލަންޖެހިފައިވަނީ ރައްޔިތުންނަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ނުކުރަންޖެހޭ އެތަކެއް ކަމެއްކޮށް ސަރުކާރުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުންދާކަަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
މިއަދު ކޮންމެ ރައްޔިތަކުވެސް ދައްކަނީ ”ދަތިވެއްޖެ“ ވާހަކަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންނަށް އަސާސީ ޙިދުމަތްތައްވެސް ކަށަވަރުނުވާކަމަށް ފައިސަލް ވިދާޅުވިއެވެ. އެންމެ ކުޑަމިނުން ބޭސް ނުލިބޭކަމަށާއި ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށްވެސް ދަތިވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަތްނުފޯރާ ވަރަށް ތަކެތީގެ އަގުބޮޑުވެފައިވާކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ދަތި އުނދަގުލުން ހޯދި ހައްގުތައް މިއަދު ގެއްއލިފައިވާކަމަށް ތަކުރާރުކުރައްވާފައެވެ.
”ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ދިމާވާ ދަތި އުނދަގުލާއި އަދި ކޮންމެ ރައްޔިތެއްގެ އިހުސާސާއި ކެކުޅުންތަކުގައި ހުއްޓުމެއްނެތި އެމްޑީޕީން މަސައްކަތް ކުރާނަން،“ ފައިސަލް
ފައިސަލް ވަނީ މިހާރު އަތް ނުފޯރާ ހިސާބަށް ސަރުކާރުގެ ކަންކަން ގޮސްފައިވާކަމަށާއި މިގޮތުން މިސަރުކާރަށް ތިން އަހަރުވެގެންދާއިރު މިއީ ސަރުކާރުން ވިސްނަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.
މިއަދު ޑޮލަރު ހޯދުމަށް އިންތިހާއަށް ދަތިވެއްޖެކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ، ޑޮލަރުގެ އަގު ދުވަހަކަށްވުރެ ދުވަހެއް މައްޗަށް ގޮސް މިހާރު ނުހިފިހެއްޓި ރޭޓު މައްޗަށް އެރުމުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ދަތިތަކަކާ ތަކުލީފުތަކަކާއި ކުރިމަތިވެފައިވާ ކަމަށެވެ. މިފަދަ ހުރިހާ ކަމެއްގައި އެމްޑިޕީން އަބަދުވެސް ވަކާލާތު ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ، ރައްޔިތުންގެ ހައްޤުގައި އެ ޕާޓީން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ރަތްދަކާ އަވީގައާއި، ބޯވާރޭގަޔާއި، ގަދަކަނޑުގައިވެސް ރައްޔިތުންގެ ހައްޤުގައި ނިކުންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކަންކަން ރަނގަޅުކުރުމަށް އެޕާޓީން މަގުތަކަށް ނިކުންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ، މިއީ އަޅާނުލާ ދޫކޮށްލެވެން ނެތް ކަންކަން ކަމަށެވެ. އަދި މިކަމުގައި ނޫޅޭ ބަޔަކަށް މިއީ ކިހާވަރެއްގެ ކަމެއް ނޭނގޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ސަރުކާރަށް ކަންކަން ރަނގަޅުކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”މި އިސްލާހުތަކާއި ހައްޤުތަކުގައި ނޫޅުއްވާ ބަޔަކަށް ފަހަރެއްގައި އެކަން ނޭނގިދާނެ. އެކަމަކު ކޮން ރައްޔިތެއްތޯ މި ވާހަކަ އެމީހަކަށް ދެއްކެން އޮތް ގޮތަކަށް ދެއްކެން އޮތް ގޮތަކަށް ނުދައްކަނީ؟“ ފައިސަލް
ފައިސަލްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ އެމްޑީޕީއާއި އަދި ދިވެހިރާއްޖެ އިސްލާހުކުރަން ލޯބިކުރާ ހުރިހާ ރައްޔިތުން ނިކުމެ ހައްޤުތަކުގެ ވާހަކަ ދައްކާނެކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ޕާޓީން ދިވެހި ރައްޔިތުންނަށް ގެއްލިފައިވާ ހައްޤުތައް ހޯދައިދިނުމަށް ވަކާލާތުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމުންނެވެ.

