ކޭޕާކް ފްލެޓެއް ހަވާލުނުކޮށް ހޭދަވެފައިވާ މުއްދަތަށް ނަގައިދޭން މީހަކު އެެދުނު 877،200 ރުފިޔާގެ ބަދަލު ނަގައިދެވެން ނެތް ކަމަށް ނިންމި ނަމަވެސް، ފްލެެޓު 30 ދުވަހުގެ ތެރޭގައި އޭގެ ވެރިފަރާތާ ވާލުކުރަން އަންގައި ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ކޭޕާކް ރެރިޑެންސްގައި ހިމެނޭ ފްލެޓެއް ގަތުމަށް ހެދި ރިޒާވްކުރުމުގެ އެއްބަސްވުމަކާއި ގަނެވިއްކުމުގެ އެއްބަސްވުމެއްގެ ދަށުން، އެޕާޓްމެންޓުގެ މަސައްކަތް ނިންމައި ހަވާލުކޮށްފައިނުވާތީ، އެ ފްލެޓު ހަވާލުކުރުމަށް އެންގުމަށާއި، އެއްބަސްވުމުގެ ދަށުން ޖޫރިމަނާގެ ގޮތުގައި 877،200 ރުފިޔާ ނަގައިދިނުމަށް އެދި ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެކޮޅަށް ސިވިލް ކޯޓުގައި އަމިއްލަ ފަރާތަކުން ދައުވާކުރި މައްސަލައެކެވެ. ފްލެޓުގެ ރިޒަވޭޝަން ފީއަކަށް 50،000 ރުފިޔާގެ އިތުރުން ފުރަތަމަ އިންސްޓޯލްމެންޓުގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދައުވާކުރި ފަރާތުން އޮތީ ދައްކައިފައެވެ.
އެ އެޕާޓްމެންޓް ވިއްކުމަށް އެކުލަވާލި އެއްބަސްވުމުގައިވާ ގޮތުން 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހަމްބޯ ކޮމްޕެނީން އެ އެޕާޓްމެންޓް ނިންމައި ހަވާލުކުރަން ޖެހެއެވެ. އެ މުއްދަތަށް މަސައްކަތް ނިންމައި އެޕާޓްމެންޓް ހަވާލުނުކުރެވި 90 ދުވަހަށް ވުރެ ގިނަ ދުވަސް ހޭދަވެއްޖެނަމަ، 90 ދުވަސް ހަމަވާ ދުވަހުން ފެށިގެން އެޕާޓްމެންޓް ހަވާލުނުކޮށް ހޭދަވާ ކޮންމެ ދުވަހަކަށް އެޕާޓްމެންޓުގެ ޖުމްލަ އަގުގެ 0.02 ޕަސެންޓު ޖޫރިމަނާއެއް ހަމްބޯ ކޮމްޕެނީން ދައްކަން ޖެހޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން ކޭޕާކްގެ އެ އެޕާޓްމެންޓުގެ އަގަކީ ތިން މިލިއަން ރުފިޔާއެވެ. އެހެންކަމުން، އެޕާޓްމެންޓުގެ ޖުމްލަ އަގުގެ 0.02 ޕަސެންޓަކީ 600 ރުފިޔާއެވެ. އެޕާޓްމެންޓް ހަވާލުކުރަން ބުނި ތާރީހާއި، ދައުވާ ހުށަހެޅި ތާރީހާ ދެމެދު 1462 ހޭދަވެފައިވާތީ، އެ ދުވަސްތަކަށް ޖޫރިމަނާގެ ގޮތުގައި 877،200 ރުފިޔާ، އެއްބަސްވުމުގެ ދަށުން ހައްގުވާ ކަމަށް ދައުވާކުރި ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވެއެވެ.
ސިިވިލް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވަނީ، އެ އެޕާޓްމެންޓް އެއްބަސްވި މުއްދަތުގެ ތެރޭގައި ހަވާލުކޮށްފައިނުވުމަކީ ހަމްބޯ ކޮމްޕެނީން އެއްބަސްވުމާ ހިލާފުވުން ކަމަށެވެ. ނަމަވެސް، ހައިކޯޓުގެ 2018 ވަނަ އަހަރުގެ 366 ވަނަ ގަޒިއްޔާއާ ހަވާލާދީ ހުކުމުގައި ފާހަގަކޮށްފައިވަނީ ކޮންޓްރެކްޓެއްގެ ބައިވެރިއަކު އެ ކޮންޓްރެކްޓަކާ ހިލާފު އަމަލެއް ކޮށްފައިވާނަމަ، އެ އަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެ އަމަލުކުރި މީހަކު ބަދަލުދޭން ޖެހުނުނަމަވެސް، ވީ ގެއްލުން ސާބިތުނުކޮށްދެވޭނަމަ ބަދަލު ހޯދުމަށް ކުރި ދައުވާ ކާމިޔާބެއް ނުވާނެ ކަމަށެވެ.
މި މައްސަލައިގައި ދައުވާކުރި ފަރާތުން އޭނާއަށް ލިބުނު ގެއްލުމަކީ ކޮބާކަން ބަޔާންކޮށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ދައުވާކުރި ފަރާތުން އެދޭ ބަދަލު ނަގައިދެވެން ނެތް ކަމަށް ކަނޑައަޅާފައިވެއެވެ.
ނަމަަވެސް، ހުކުމުގައި ކަނޑައަޅާފައިވަނީ ފްލެޓު ރިޒާވްކުރުމުގެ އެއްބަސްވުމާއި ގަނެވިއްކުމުގެ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުމުގެ ދަށުން ހަމްބޯ ކޮމްޕެނީން ފްލެޓު ހަވާލުކުރަންޖެހޭނެ ކަމަށެވެ. އެގޮތުން 12 އޮގަސްޓުން ފެށިގެން 30 ދުވަހުގެ ތެރޭގައި ފްލެޓު ހަވާލުކުރަން އެ ކުންފުންޏަށް އަންގާފައިވެއެވެ.
ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ މި މައްސަލަ ކުރިއަށް ގެންދެވީ ހަމްބޯ ކުންފުނީގެ ޣައިރުހާޒިރުގައެވެ. އެ ކުންފުނީގެ އެޑްރެހަށް ދައުވާއާ ގުޅޭ ލިޔެކިޔުންތައް ފޮނުވި ނަމަވެސް، ކުންފުނިން ދައުވާއަށް ޖަވާބުދާރީވެފައިނުވާކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
ފޯރުންތެރިކަން ހުރި ފަރާތްތަކަށް ފްލެޓާއި އެޕާޓްމަންޓު ގަތުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރިއަލް އެސްޓޭޓް އުސޫލުން ހަމްބޯ ކޮމްޕެނީއާ 2016 ވަނަ އަހަރު ހަވާލުކޮށްގެން ހިންގި ކޭޕާކް ރެޒިޑެންސް މަޝްރޫއުގެ ދަށުން އިމާރާތްކުރި ފްލެޓުތައް އެއް ފަރާތަށް ވުރެ ގިނަ ފަރާތަށް ވިއްކުން ފަދަ މައްސަލަތަކެއް މީގެ ކުރިން ފެންމަތިވެފައިވެއެވެ.
އެއްބަސްވުމުގައި ސޮއިކޮށް، ގިނަ ބަޔަކު ޑައުންޕޭމަންޓު ދައްކައި، ބައެއް ފަރާތްތަކުން މުޅި އެޕާޓްމަންޓުގެ ޖުމްލަ އަގު ވެސް ދައްކާފައި ވަނިކޮށް މަކަރާއި ހީލަތުގެ މައްސަލަތައް ފެންމަތިވުމުން މަޝްރޫއު ހުއްޓި ގިނަ ބަޔަކަށް ގެއްލުންވިއެވެ. އަދި އެ ފްލެޓުތައް ހޯދުމަށާއި، ބަދަލު ނަގައިދިނުމަށް އެދި ގިނަ ފަރާތްތަކުން ސިވިލް ކޯޓުގައި ދައުވާ ވެސް އުފުލާފައިވެއެވެ. މީގެ ކުރިން ވެސް ފްލެޓުތައް ހަވާލުކުރަން ހަމްބޯގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވެއެވެ.
އެ މައްސަލައިގައި ހަމްބޯ ކުންފުނީގެ ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ އާއި، ޓެކުމުގެ 46 ދައުވާ އާއި، މަނީ ލޯންޑްރިންގެ ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ ސާބިތުވެ އޭނާ 94 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ޑިސެމްބަރު މަހު ހުކުމްކޮށްފައެވެ.

