ރަށްރަށުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ކޮމިޓީ މަރުހަލާ ދިރާސާކޮށް ނިންމުމުގެ ސުންގަޑި ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި މި ބިލުގައި ބަޔާންކޮށްފައިވަނީ ސަރުކާރުގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް ކެބިނެޓުގެ ނިންމުމަކުން ދައުލަތަށް ނެގޭނެ ކަމަށެވެ.
މީގެ އިތުރުން ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްނުވި ނަމަވެސް ސަރުކާރުން އެދޭ ހާލަތްތަކުގައި ބިން ސަރުކާރާ ހަވާލުކުރަން ޖެހޭ ގޮތަށް ވެސް މި ބިލުގައި ވަނީ ހިމަނާފަ އެވެ.
މި އިސްލާހާ ގުޅިގެން ހުށަހެޅި އީ-ޕެޓިޝަނުގައި މިހާތަނަށް 2،300 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ. މިއާއެކު މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުން މަޖުބޫރުވާ އަދަދަށް ސޮއި ވަނީ ހަމަވެފަ އެވެ.
ހަމައެއާއެކު، ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދިނުމާއި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްނޭޅޭ ގޮތަށް އަމަލުކުރުން ކައުންސިލަރުންގެ ސުލޫކީ މިންގަނޑުގައި ހިމެނުމަށް ވެސް މި އިސްލާހުގެ ތެރެއިން ވަނީ ހުށަހަޅާފަ އެވެ.

