މިހާރު ދައުލަތުގެ ހާލަތު އޮތް ގޮތުން ފައިސާ ހޯދޭނެ ހަމަ އެއްވެސް ގޮތެއް ނެތް ކަމަށާއި، އޮތީ ހަމައެކަނި ޗާޕުކުރުން ކަމަށާއި އެހެންނަމަވެސް އެއީ ވެސް ގައުމު ދެރަ ހާލަތަކަށް ވައްޓާލާނެ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީިން އަބްދުލްގައްޔޫމް ވިދާޅުވެއްޖެވެ.
ޕީއެންއެފްގެ ފްރަންޓް އޮފީހުގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ގައުމީ ދުވަހެއް ފާހަގަކޮށް ނިންމާލި އިރު ގައުމުގައި ގައުމިއްޔަތުގެ ރޫހެއްވެސް ހުންނަން ޖެހޭނެ ކަމަށެވެ. ރައްޔިތުން އުޅެނީ އަނގަޔާއި އަތާ ދިމާނުވެގެން ކަމަށް ފާހަގަކުރައްވާ ޔާމީން ވިދާޅުވީ ގައުމުގައި މުއްސަނދިން އުޅޭ ގޮތް ފެންނަ ކަމަށާއި އެހެންނަމަވެސް ނިކަމެތި ރައްޔިތުންނަށް އެ ގައުމިއްޔަތުގެ ރޫހެއް ނާންނަ ކަމަށެވެ. ރައްޔިތުންނަށް ގައުމީ ދުވަހެއް އަޔަސް އެ ގައުމުން ރައްޔިތުންނަށް ކަމެއް ނުކޮށްދޭ ނަމަ އެމީހުންނަށް އެ ގައުމިއްޔަތު އިހުސާސްނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މިހާރުގެ މީހުން ގައުމިއްޔަތާއި ދޭތެރޭގައި ވިސްނާނީ ކަންތައްތަކެއް ހަމަޖެހިގެން ކަމަށެވެ. މިތަނުގައި މިއަދު ފުރިހަމަ އިސްތިގުލާލީ ބާރު ނެތް ކަމަށާއި، ކަނޑުތައް ވިއްކާފައި ދިޔައީ ކަމަށާއި، އެއީވެސް ގައުމުގެ ވެރިން ގައުމަށް ގައްދާރުވުން ކަމަށް ޔާމީން ވިދާޅުވިއެވެ. ގައުމިޔަތުގެ ވާހަކަ ދައްކާއިރު ރާއްޖެއަކީ މިނިވަން ގައުމެއްތޯ ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިހާރު ގައުމު އޮތީ ދަރާ ވިކިފައި ކަމަށާއި، މިހާރު ހުރިހާ ކަމެއްވެސް ހުރީ އަމިއްލަ މުދާ ވިއްކާ ހިސާބުގައި ކަމަށެވެ.
”ކުޑަކޮށް ކަހާލާފައި އަޑިއަށް އޮތީ ކިހާވަރެއްގެ ވާހަކައެއްތޯ ބަލާބަލާށޭ. ބަލާލީމާ އެނގޭނީ ކިހިނެތްތޯ ކަންކަން ހުރީ. މިނިވަންކަމުގެ ވާހަކަ ދައްކާއިރު މިއީ މިނިވަން ގައުމެއްތޯ؟ މިހާރު މިތިބީ ދަރާ ވިކިފައި. މިހާރު މިތިބީ އަޅުގަނޑުމެންނަށް ދަރަނި ދޫކޯށްފައި ތިބި ފަރާތްތަކުން އައިސް މިތަނުގައި އެމީހުންނާއެކު ކޮށްފައި ހުރި އެގްރީމެންޓުތައް ތަންފީޒުކޮށްފައި ހުރި ގޮތަށް ބަލާކަމަށް ވަންޏާމު މުދާ ވިއްކާ ހިސާބުގައި މިތިބީ. އެހެންވީމާ ކޮން ގައުމިއްޔަތެއް އޮންނާނި. ގައުމިއްޔަތެއްގެ ވާހަކަ ދައްކަންޏާ އެންމެ ރަނގަޅު ގޮތަކީ ގައުމަށް ގައްދާރުވީ މީހުންގެ ޒިކުރާ އައު ކުރުން“
ގައުމަށް ޣައްދާރުވީ މީހުންގެ ތެރޭގައި އަދުގެ ރައީސް އާއި އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ފަދަ ބޭފުޅުން ފަދަ މީހުން ހިމެނޭ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ. ޔާމީން ވިދާޅުވީ ގައުމިއްޔަތުގެ ވާހަކަ ދައްކާނަމަ ކުރިން ވީ ގޮތް ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ. މީގެ އިތުރަށް ބާކީ ހުރި ހުރިހާ މަޝްރުއުއެއް 2 އަހަރުގެ ތެރޭގައި ނިންމަވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ވާހަކައަށް އަލިއަޅުއްވާލައްވާ ޔާމީން ވިދާޅުވީ ގައުމު ކޮޅަށް ޖަހަން 200 އެތައް މަޝްރޫއެއް ހިންގަން ވިދާޅުވާއިރު މިހާތަނަށް ހިންގުނު މަޝްރޫއެއް ނެތް ކަމަށެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ ސަރުކާރުގެ ބޮޑު ދަރަންޏެއް އޮތް އިރު މިއަހަރު ނިމޭއިރު އެ ދަރަނި 60 ހާސް ބިލިއަނަށް އަރާނެ ކަމަށާއި އެހެންނަމަވެސް ރާއްޖޭގެ އާމްދަނީ އަހަރެއްގައި ހުންނަނީ ގާތްގަނޑަކަށް 40 ހާސް ބިލިއަނުގައި ކަމަށެވެ. މިއަހަރު ނިމިގެން ދާއިރު ޓީ ބިލުވެސް ވިއްކުމަށްފަހު 1 ބިލިއަން ހޯދިއިރު، އެފައިސާ ހޯދީ ބޮޑު މަޝްރޫއެއް ހިންގަން ނޫން ކަމަށާއި އެކަން ކުރީ މުވައްޒަފުންގެ މުސާރައާއި އެފަދަ ކަންކަން ކުރުމަށް ކަމަށް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، މިހާރު ސަރުކާރަށް ދެކޮޅު ނުޖެއްސިގެން އުޅޭ ކަމަށާއި، ދެނެއް ކޮންޓްރެކްޓާއި ފައިނޭންސް ވެސް ނާންނާނެ ކަމަށެވެ. ރިކަރެންޓު ހަރަދުތަކާއި މުވައްޒަފުންގެ މުސާރައަށް ހަރަދުތައް ކުރުމަށްފަހު މަޝްރޫއު ހިންގަން ލާރި ހޯދާނީ ކިހިނެތްތޯ އެމަނިފާނު ވަނީ ސުވާލު އުފައްދަވާފައެވެ. މިހާރު އޮތީ ހަމަ އެންމެ ގޮތެއް ކަމަށާއި، އެއީ ފައިސާ ޗާޕުކުރުން ކަމަށާއި، އެހެންނަމަވެސް އެކަންވެސް ކޮށްފި ނަމަ ހާލަތު މުޅިން ދެރަ ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފައިސާ ޗާޕުކުރުމުން ޑޮލަރަށް ވާގޮތް ބަލަން ޑޮލަރެއް ފަހާ 4 މީހުން ތިބެންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

