ކޮރޯނާ ވައިރަސް ހަލުވިކަމާއިއެކު މާލޭގައި ފަތުރެމުންދާއިރު ބަލި މުޅި ރާއްޖެއަށް ފެތުރުމުގެ ބިރުއޮތްއިރު ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި 26 ފްލޫ ކްލިނިކެއް ގާއިމް ކޮށްފައިވާ ކަމަށް ނެޝަނަލް އިމެޖެންސީ ސެންޓަރުން ހާމަކޮށްފިއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި 26 ފްލޫ ކުލިނިކެއް ގާއިމް ކޮށްފައިވާއިރު ވޭތުވެދިޔަ24 ގަޑިއިރުތެރޭގައި 191 މީހަކު އެ ފްލޫ ކްލިކްތަކުން ހިދުމަތް ހޯދާފައިވާ ކަމަށެވެ.
ކޮވިޑްއިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އެކިއެކި މަސައްކަތްތައް ކުރަމުންދާއިރު މިހާތަނަށް ރާއްޖެއިން84 މީހަކު ކޮވިޑްއަށް ވަނީ ޕޮޒިޓިވްވެފައެވެ. މީގެތެރެއިން މާލެއިން ކޮވިޑްއަށް ޕޮޒިޓިވްވެފައި ވަނީ 64 މީހުންނެވެ. އަދި މާލެއިން ކޮވިޑްއަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރިއަށްދާކަން މަބްރޫކް ވަނީ ފާހަގަ ކުރައްވާފައެވެ.
އެގޮތުން މިހާތަނަށް 1370 މީހުން ކޮންޓެކްޓްގެ ގޮތުގައި ތިބިއިރު 190 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުގައިކަން މަބްރޫކް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މޮނިޓަރިންގެ ހާލަތުގައި ކުރިން އޮތް ބައެއް ތަންތަން މިހާރު ވަނީ އާދައިގެ ހާލަތަށް ގެނެވިފައިކަން ވެސް މަބްރޫކް ފާހަގަ ކުރެއްވިއެވެ.

