މާލޭގެ ”ލޭންޑް ޔޫސް ޕްލޭން“ އެކުލަވާލުމަށް ހުރިހާ އަވަށެއްގެ ރައްޔިތުންނާ ވަކިން ބައްދަލު ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން މިކަން ނިންމާފައިވާކަން ހާމަކޮށްފައިވަނީ ކައުންސިލުން ކުރި އިއުލާނެއްގައެވެ. އެގޮތުން ކޮންމެ އަވަށެއްގެ ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ވެސް ކައުންސިލުންވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ”ރީތިންކް މާލެ“ އާބަން ސްޓެރެޓެޖީ އާއި ލޯކަލް ޑިވެލޮޕްމަންޓް ޕްލޭންގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން މާލޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވެއެވެ.
އެންމެ ފުރަތަމަ ބައްދަލުކުރަން ނިންމާފައި ވަނީ ގަލޮޅުގެ ރައްޔިތުންނާއެވެ. މި ބައްދަލުވުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30ގައި ގަލޮޅު މަދަރުސާގައެވެ. އަދި ކައުންސިލުން ވަނީ ވިލިމާލޭގެ ރައްޔިތުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވާން ދައުވަތު ދީފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަކަށް ހުންނެވިއިރު މާލޭގެ ލޭންޑް ޔޫސް ޕްލޭނެއް ހަދައި ޕްލޭނިން މިނިސްޓްރީއަށް ފޮނުވިއެވެ. ނަމަވެސް ލޭންޑް ޔޫސް ޕްލޭން އޮތީ ފާސްނުކޮށެވެ.
މާލޭގެ ރައްޔިތުންނާ ބައްދަލު ކުރަން ސިޓީ ކައުންސިލުން ނިންމާފައި މި ވަނީ ލާމަރުކަޒީ ގާނޫނުން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުންތައް ބާއްވަން ކައުންސިލުން މި އަހަރު 1.1 މިލިއަން ރުފިޔާ ހަރަދުކުރިކަން ހާމަވުމުން އާއްމުންގެ ފާޑުކިއުން މޭޔަރު އާޒިމަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރެވެއެވެ.

