ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަޔަކު ކަރަންޓީންކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުންޓީން ކޮށްފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ކަރަންޓީން ދިޔުމަށް ދެކޮޅު ހެދި ބަޔެކެވެ.
ކޮވިޑް-19 އާއި ގުޅިގެން މުޅި ރާއްޖޭގައި ވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައެވެ. އަދި މި ނިންމުގެ ދަށުން ޑައިރެކްޓަ އޮފް ޕަބްލިކް ހެލްތަށް ޚާއްސަ ބާރުތަކެއް ލިބިގެންވެއެވެ. އެ ބާރުގެ ދަށުން އެކިކަންކަން ނިންމާ ތަފާތު އެންގުންތައްދަނީ އަންގަމުންނެވެ.
ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެ އިން ބޭރުން އަންނަ ދިވެހިންނާއި އެ ބައްޔަށް ޕޮޒިޓިވްވާ މީހުން ކަރަންޓީންގައި މަޑުކުރަން ޖެހެ އެވެ.
މީގެ އިތުރުން ޕޮޒިޓިވްވާ މީހުން ކޮންޓެކްޓްވާ މީހުންނާއި ބައެއް ފަހަރު އެނޫންވެސް މީހުން، ރައްކާތެރިކަމުގެ ގޮތުން އެކަހެރިކޮށް ކަރަންޓީން ކުރެއެވެ.
އެޗްޕީއޭގެ އެންގުމާއި ޚިލާފަށް ކަރަންޓީނަށް ދިޔުމަށް ދެކޮޅު ހެދި ދެ މީހަކު، ކަރަންޓީނު ކުރުމަށް ސިވިލް ކޯޓުން އަމުރެއް ނެރިފައވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި ކޯޓު އަމުރާއެކު އެމީހުން މިހާރު ވަނީ ކަރަންޓީނަށް ގޮސްފައެވެ.
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން އެޗްޕީއޭ އިން އަންގާ އެންގުންތަކަށް އަމަލު ނުކުރާ ނަމަ، ސިވިލް ކޯޓު އަމުރެއްގެ ދަށުން އެކަން ކުރަން އެންގިދާނެ އެވެ.

