ތިނަދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް ކުރިއަށް ނުގެންދެވި ހުއްޓިފައިވަނީ ތިނަދޫ ކައުންސިލުން އެއްބާރުލުން ނުދޭތީކަމަށް ބުނެ މި ސަރުކާރުން ހަދަނީ ސީދާ ކަނޑައެޅިގެން ދޮގުކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުން ބޭނުންވާ ތަރައްޤީ ރަށްރަށަށް ނުގެނެވެނީ މަޝްރޫއުތައް ހިންގުމުގައި ކައުންސިލުތަކުން ފުރިހަމަ އެއްބާރުލުން ނުދޭތީކަމަށް ސަރުކާރުން ބުނިނަމަވެސް ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ސައުދު ވިދާޅުވީ، އެއީ ދޮގެއް ކަމަށެވެ.
ސައުދު ވިދާޅުވީ، މަޝްރޫއުތައް ނުހިންގި ލަސްވަނީ ސަރުކާރުގެ އިހުމާލުން ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ތިނަދޫ ސިޓީގައި ފައްޓާފައިވާ މަޝްރޫއުތައް ވަޅު ޖެހިފައި އޮތީ ޕްރޮޖެކްޓް ހިންގާ ފަރާތްތަކަށް ދޫކުރަންޖެހޭ ފައިސާ ދޫނުކޮށް ލަސްވުމުން ކަމަށެވެ. މީގެ އިތުރުން ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތައް ހިންގުމަށް ކައުންސިލުތަކުގައި އެދުމުން ކައުންސިލުތަކުން އެކަމަށް އެއްބާރުލުން ދޭންޖެހޭކަން ޤާނޫނު އަސާސީގައި ސަރީހަކޮށް ބަޔާންކޮށްފައިވާއިރު އެކަން ޤާނޫނާއި އެއްގޮތަކަށް ކައުންސިލުތަކުން ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
”ސަރުކާރުން އެ ހައްދަވަނީ އިތުރުފުޅެއް. އަޅުގަނޑު އޭގެ ހެކިވެސް ދައްކާނަން. ނިމިދިޔަ ވެރިކަމުގައި ތިނަދޫ ސިޓީގައި ފައްޓާފައިވާ މަޝްރޫއުތައް ވަޅުޖެހި މަޑުޖެހިފައި އެ އޮތީ ކޮންޓްރެކްޓަރުންނަށް ދޫކުރަންޖެހޭ ފައިސާ ފުރިހަމަ ގޮތުގައި ދޫނުކޮށްގެން. ޕްރޮޖެކްޓްތައް ލަސްވާ ކޮންމެ ލަސްވުމަކީ ސަރުކާރުގެ އިހުމާލު،“ ސައުދު
ކައުންސިލުތަކަށް ލިބޭ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގާނެ ބިން އެލޮކޭޓު ކުރުމުގައި ކައުންސިލުން އެއްވެސް ވަރަކަށް ފަސް ނުޖެހޭނެކަމުގެ ފުރިހަމަ ޔަޤީންކަން އޭނާ ދެއްވިއެވެ.
”ކައުންސިލުތަކަށް ލިބޭ ޕީއެސްއަޕީ މަޝްރޫއުތައް ހިންގާނެ ލޭންޑް އެލޮކޭޓު ކުރުމުގައި ކައުންސިލުން އެއްވެސް ވަރަކަށް ފަސް ނުޖެހޭނެ، ލަސްނުކުރާނެ،“ ސައުދު
ސައުދު ވިދާޅުވީ، ސަރުކާރުން ބިން އެލޮކޭޓުކުރުމުގެ ވާހަކަ ސައުންސިލާ ދައްކަނީ މަޝްރޫއުތައް ސަރުކާރުން ބޭނުންވާ ބަޔަކާ ހަވާލުކުރުމަށްފަހު ކަމަށެވެ. އަދި ސަރުކާރުން ފުރަތަމަ ކުރަންޖެހޭ ކަންކަން ނުކޮށް، ފަހުން ކުރަންޖެހޭ ކަންކަން ކުރިންކޮށް، ހުއްޖަތްތަކެއް ސަރުކާރުން ދައްކަމުންދާ ކަމަށެވެ. އެކަން އެހެން ކުރަނީ ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތުމުންކަމަށް އޭނާ ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ސަރުކާރުން މަޝްރޫއުތައް ނުހިނގަނީ ކައުންސިލުތަކުގެ ސަބަބުން ކަމަށް ބުނެ ކައުންސިލުތަކުގެ ބޮލުގައި ތުހުމަތުތަކެއް އަޅުވާއިރު އެންމެ ފުރަތަމަ ކަމަކަށް ސަރުކާރުން އެކަމުގެ އެންމެ ފުރިހަމަ މައުލޫމާތު ކައުންސިލާ ހިއްސާ ނުކުރާ ކަމަށެވެ. ސައުދު ވިދާޅުވީ، ބައެއް ކައުންސިލުތަކަށް ބިން ބޮޑުވެގެން އުޅުނަސް ތިނަދޫއަކީ ތޮއްޖެހި އަދި ތަރައްޤީވަމުން އަންނަ ސިޓީއަކަށް ވާއިރު ބިމަކީ ވަރަށް ތަދު އެއްޗެއް ކަމަށެވެ.
އެހެންކަމުން ތިނަދޫ ސިޓީގައި މަޝްރޫއުތައް ކުރިއަށް ދާއިރު ކައުންސިލުން ވަރަށް ރަނގަޅަށް ބަލާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަހުގެ ތާރީހެއްގައިވެސް ރައްޔިތުންނަށް ޖަވާބުދާރީވެވޭނެ ފަދަ ގޮތަށް މަޝްރޫއުތަކުގެ ފުރިހަމަ މައުލޫމާތު ބަލަމުންދާނެ ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.
މީގެ އިތުރުން، މުސްތަޤުބަލުގައި މިފަދަ މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންނަށް ވާނެ ފައިދާއާއި ގެއްލުންވެސް ވަރަށް ގާތުން ބަލައި ކަށަވަރު ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތިނަދޫ ސިޓީ ކައުންސިލުގައި މަސައްކަތް ކުރަމުންގެންދާ ކޮންމެ މުވައްޒަފަކީ ރަށުގެ ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް ތިނަދޫ ބައްޓަންކޮށް ތަރައްޤީކޮށް ހިތްވަރު ހުރި ހުނަރުވެރި ބައެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ތިނަދޫ ކައުންސިލު ފުޅާވެ ކަންކަން ތަރުތީބުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތިނަދޫ ސިޓީ ކައުންސިލަކީ މި ސަރުކާރަށް އެންމެ ފުރިހަމަ ގޮތުގައި އެއްބާރުލުންދޭ ކައުންސިލުގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އެހެންކަމުން ތިނަދޫގައި މަޝްރޫއުތައް ނުހިންގިގެން އުޅެނީ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ނުދޭތީކަމަށް ސަރުކާރުން ބުނަނީނަމަ، އެ ވާހަކަ ދައްކަނީ ކޮންމެ މީހަކަށް ވިޔަސް، އެ ހަދަނީ ސީދާ ދޮގެއް ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

