ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ މަސައްކަތް އަންނަ މަހު ފަށަނީ

ފޮޓޯ: ވަޒީރު ޝަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މަހު ފާހަގަކުރާ، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައި، ރާއްޖޭގައި މިހާތަނަށް ބިނާ ކުރާ އެންމެ ބޮޑު މިސްކިތުގެ މަސައްކަތް ފެށޭނެ ކަމަށް އިސްލާމީ ކަންތައްތައްކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، އެ މިސްކިތް ވެގެންދާނީ އިސްލާމީ ބިނާކުރުންތެރިކަމުގެ ފުރިހަމަކަމާއި، ދިވެހިރާއްޖޭގެ އިސްލާމީ ހަޟާރާތުގެ މުއްސަނދިކަން ރަމްޒުކޮށްދޭނެ ފާހަގަކޮށްލެވޭ ބިނާއަކަށް ކަމަށެވެ. އަދި އެ ބިނާ ވެގެންދާނީ އީމާންތެރިކަމާއި، އިލްމާއި، އެއްބައިވަންތަކަމުގެ އިތުރުން މުޖުތަމައުގެ ގުޅުންތައް ބަދަހިކޮށްދޭ މަރުކަޒަކަށް ކަމަށް ވެސްް ޝަހީމް ވަނީ ވިދާޅުވެފައެވެ.

އެ މިސްކިތުގެ ބިންގާ އެޅުމަށް ޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާކަމަށާއި ރާއްޖެ އިސްލާމިމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައި މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރެނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.

އެ ބިނާއަކީ ފާއިތުވި ނުވަ ގަރުނުގެ އީމާންތެރިކަމާއި، އިލްމާއި، ހިދުމަތުގެ ދެމިގެންވާ ތަރިކައެއްގެ ގޮތުގައި އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނެ ބިނާއެއް ކަމަށް ވެސް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އެޗްޑީސީ)އިން މިހާރު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ހަވާލުކޮށްފައެވެ. އެ މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައެވެ.

އެ މިސްކިތުގައި ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ބޮޑު މިސްކިތުގެ މަޝްރޫއުއަށް ފައިނޭންސް ކުރުމަށް ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާއެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ މި އަހަރުގެ ޖޫން މަހު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

އެ މިސްކިތުގެ މަސައްކަތް އިއުލާންކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައެވެ. އެ މިސްކިތް ކޮމްޕްލެކްސްގައި ނަމާދުކުރާނެ ޖާގައިގެ އިތުރުން ޤުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމު ހިދުމަތްތައް ވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: