ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރު ގެނެސްގެން ބިން ހިއްކަން ކުރި ހަރަދަކީ މިދިޔަ ސަރުކާރުން ހިއްކާފައި ހުރި ބިން ތަރައްގީ ކުރުމަށް ކުރަންޖެހޭ ހަރަދު ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވ ޑޮލަރުގެ އަގު އަތް ނުފޯރާ ހިސާބަށް އަރައި، ޑޮލަރު ހޯދުން އާންމުންނަށް އިންތިހާ އަށް ދަތިވެގެން ދިޔުމުގެ އަސްލަކީ ސަރުކާރުން ކޮށްގެން ނުވާނެ ބޭކާރު އެތައް ޚަރަދެއް ކުރުމުގެ ނަތީޖާކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. ސަރުކާރަށް ޑޮލަރުން ލިބޭ އާމްދަނީ އިތުރުވެފައި، އަދި ރިސޯޓު ތަކަށް ލިބޭ އާމްދަނީން ގާނޫނުގައި ބުނާ ވަކި އަދަދެއް މާރު ކުރުވައިގެން ސަރުކާރަށް އާމްދަނީ ހޯދަމުން އަންނައިރު ވެސް، މިހާ މައްޗަށް ޑޮލަރުގެ އަގު އަރައިގެން މިދަނީ މި ވަގުތު ކުރަން ނުޖެހޭ ބޭކާރު އެތައް ޚަރަދެއް ސަރުކާރުން ކުރަމުން ދާތީކަން ޤަބޫލުކުރަންވެއްޖެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ސަރުކާރުން ގަބޫލު ނުކުރިޔަސް، ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެން ދިޔުމުގެ ހަގީގީ އެންމެ ބޮޑު އެއް މައްސަލަ އަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ނަމުގައި ބޮޑު އަގުގައި ޑުރޯންތަކެއް ގަތުމަށް ޑޮލަރުތަކެއް ހޭދަކުރުން ކަމަށާއި އަދި މި ވަގުތަށް އަދި މީގެ ވިއްސަކަށް އަހަރުގެ ތެރޭގައި ވެސް ބޭނުން ނުވާނެ މިންވަރަށް ބިން ހިއްކުމުގެ އަގު ބޮޑު މަޝްރޫއެއް ފަށައިގެން އެކަމަށް އެތައް މިލިއަން ޑޮލަރެއް ސަރުކާރުން ޚަރަދުކުރުން ކަމަށެވެ.
”ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސް، ރަސްމާލޭގެ ނަމުގައި ބޮޑު ފަޅެއް ނުއަގުގައި ހިއްކަމުން ދާއިރު، މަސައްކަތް ކުރިޔަސް ނުކުރިޔަސް، އެ ޑްރެޖަރުގެ ކުއްޔަށް ދުވާލަކަށް އެތައް ލައްކަ ޑޮލަރެއް ދައްކަން ޖެހޭ. އޭގެ އިތުރުން ބިން ހިއްކުމަށް، އެ ޑްރެޖަރުން އަޅާ ކޮންމެ ކޮޑިމީޓަރެއްގެ ވެއްޔަށް އެތައް ޑޮލަރެއްގެ ރޭޓުން ފައިސާ ޚަރަދުކުރަން ޖެހޭ. ހަގީގަތުގައި މިއަދުގެ ހާލަތަށް ނަޒަރު ހިންގާއިރު، މިކަމަށް ކުރާ ހޭދައަކީ ކުރީ ސަރުކާރުން ހިއްކާފައި ހުރި ބިންތައް ތަރައްޤީކުރުމަށް ކުރަންޖެހޭ ހޭދައެއް.“
ޒިންމާދާރު ވެރިކަމެއްގައި ސަރުކާރުން އަބަދު ވެސް ބަލަން ޖެހޭނީ ރައްޔިތުންގެ މަންފާއަށް ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. ދަތި ވަގުތުތަކުގައި ކޮންމެހެން ކުރަން ނުޖެހޭ ކަންތައްތައް ހުއްޓާލައި، ތަކެތީގެ އަގު ރައްޔިތުންނަށް ފޯރާ ހިސާބެއްގައި ބަހައްޓަން މަސައްކަތްކުރަން ޖެހޭ ކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށްޓަކައި، ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ ގޮތްތަކެއް ސަރުކާރުން ހޯދައިދޭން ޖެހޭ ކަމަށެވެ.
އަމިއްލަ ފައިދާއަށް މިއަދު ކުރާ ކަންކަމުގެ ނުރަނގަޅު އަސަރު މުޅި ޤައުމަށްކޮށް، ރައްޔިތުން އިނދަޖެހެން ދޫކޮށްނުލާ ސަރުކާރުގެ ސިޔާސަތުތައް ބަދަލުކޮށް ޚަރަދު ކުޑަކޮށް، އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައިދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ފައިސަލް މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުގެ ހަރަދު ބޮޑުކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ ވަގުތެއްގައެވެ. އެގޮތުން ފޮރިންގ އެކްސްޗޭންޖު ގާނޫނަށް ގެނެއި ބަދަލާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައްވެސް ވަނީ އިތުރުވެފައެވެ.

