”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓް މިއަހަރުގެ ޑިސެމްބަރު މަހު އާއްމުކޮށް 2028 ވަނަ އަހަރު ހަވާލުކުރެވޭނެކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ނާޒިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އަޙުމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، ފްލެޓަށް ކުރިމަތިލި މީހުންގެ އިވޭލުއޭޝަންގެ މަސައްކަތް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަރަށް އިސްކަންދޭ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ މަގު ތަނަވަސްކުރުމަކީ އެންމެ އިސްކަންދޭ ކަންތައްކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މިފަހަރު ބޯހިޔާވަހިކަން ލިބޭ މީހުން ކަނޑައެޅުމުގެ އެންމެހާ މަސައްކަތްތައް ގެންދާނީ، އެއަށް ނުފޫޒު ނުފޯރުވޭ ގޮތަށް އޮޓަމޭޓެޑް ސިސްޓަމްއެއްގެ ތެރެއިން ކަމަށާއި ވެރިފިކޭޝަންގެ އެންމެހާ މަރުޚަލާތައްވެސް ދާނީ އެ ސިސްޓަމްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، ޑިޖިޓަލައިޒް ސިސްޓަމެއްގެ ތެރެއިން އެ މަސައްކަތް ކުރިއަށްގެންދިއުމުން، ޕޯޓަލުގެ ތެރޭގައި ކުރިއަށްގެންދާ އެންމެހާ ކަންކަމުގެ ހުރިހާ މަޢުލޫމާތުތައް ރެކޯޑްވަމުންދާނެ ކަމަށެވެ. އަދި ޝައްކު އުފެދޭ އެއްވެސް ކަމެއް ހިނގައިފިނަމަ ވަގުތުން ބެލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ހުޅުމާލޭ ފޭސް އެކެއްްގައި އަޅާ ފްލެޓުތަކުގެ ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، ފޭސް ދޭއްގައި އިމާރާތްކުރާ ފްލެޓު މަޝްރޫއުއެއްގެ ޑިޒައިން އެޕްރޫވަލަށް ފަހު، މިހާރު އޮތީ އަމަލީ މަސައްކަތް ފެށޭ ހިސާބުގައެވެ. އަމާޒަކީ 2028 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެ ޔުނިޓްތައް ރައްޔިތުންނާ ހަވާލުކުރުން ކަމަށް ވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގުޅިފަޅުގައި 4000 ފްލެޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިވަގުތު ކުރިއަށް ދަނީ އެގްޒިމް ބޭންކާއެކު އެއްބަސްވުން އެކުލަވާލުމުގެ މަރުހަލާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން، މާލޭ ސަރަހައްދުގައި 5000 ފްލެޓު އެޅުމުގެ މަޝްރޫއުއެއް ހިންގާނެ ކަމަށާއި އެއާއެކު ޖުމްލަ 13،000 ފްލެޓުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމް މިހެން ވިދާޅުވެފައިވާއިރު ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓު ހޯދަން ހުށަހެޅި ފޯމުތަކުގައި ހުރި މައްސަލަތައް ހައްލުކުރަން ހަތް ދުވަސް ދިނުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމާފައެވެ. އެ މުއްދަތުގެ ތެރޭގައި ފޯމުތަކުގައި ހުރި މައްސަލަތައް ހައްލުކުރަން ނާޒިމް އެދިވަޑައިގެންނެވިއިރު، އޭނާ ވިދާޅުވި، ޑިސެމްބަރު މަހުގައި ލިސްޓު ނެރުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
އެގޮތުން، ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށް ގެންދާއިރު، ހުށަހަޅާފައިވާ މައުލޫމާތުތަކާއި، އެ މިނިސްޓްރީއަށް ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކުން ފޮނުވާފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތުގައި ފުށުއެރުމެއްވާނަމަ އެކަން ”ބޯހިޔާވަހިކަން“ ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އެންގޭނެ ކަމަށް އެ ވުޒާރާއިން ކޮށްފައިވާ އިއުލާނުގައިވެއެވެ.
އެ އިއުލާނުގައިވާ ގޮތުން ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ދީފައިވާ ނޯޓިސްގައިވާ މައުލޫމާތު ސައްހަ ނޫންކަމުގައިވާނަމަ އެކަމުގެ ތަފްސީލާއި ކަމާގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ކަލަންޑަރު ހަތް ދުވަހުގެ މުއްދަތެއް ފޯމު ހުށަހެޅި ފަރާތަށް ލިބިގެންދާނެއެވެ.
އެ ޕޯޓަލްގައި އެޕްލިކޭޝަންއާ ގުޅިގެން އަންނަ ބަދަލުތަކާ ބެހޭ މައުލޫމާތު، އެޕްލިކަންޓު ފޯމު ފުރިހަމަކުރިއިރު ހިއްސާކޮށްފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް އެންގާނެ ކަމަށް ވެސް ބުނެފައިވެއެވެ. މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅާނަމަ، އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލޭނެއެވެ.
މިނިސްޓްރީން ބުނީ، އެޕްލިކޭޝަނާ ގުޅިގެން މިނިސްޓްރީން ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބު ހުށަހެޅުމަށް ބޭނުންކުރަންވާނީ ބޯހިޔާވަހިކަން ޕޯޓަލް އެކަނި ކަމަށެވެ. އަދި އެ މިނިސްޓްރީއަށް އީމެއިލް، ސިޓީ ނުވަތަ އެހެން ވަސީލަތެއްގެ ޒަރީއާއިން ހުށަހަޅާ ޖަވާބުތައް މި މަރުހަލާގައި ބަލައިނުގަންނާނެ ކަމަށް ބުނެފައިވެއެވެ.
”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ޕްލެޓަށް އެދި ހުޅުވާލި ފުރުސަތުގައި 58،505 ފޯމު ވަނީ ހުށައަޅާފައެވެ. އޭގެ ތެރެއުން ފުލެޓަށް އެދި 35،930 ފޯމު ހުށައަޅާފައިވާއިރު ގޯއްޗަށް އެދި ހުށައަޅާފައިވަނީ 22،575 ފޯމެވެ.

