ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރެސް ކޮންފަރެންސުން ހާމަވީ އެމްއެމްއޭގެ މިނިވަންކަން ގެއްލިފައިވާ މިންވަރު: އަމީރު

އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރުގެ ގަވަރުނަރު ފިޔަވައި ނިމިދިޔަ އެއްވެސް ސަރުކާރެއްގައި އެމްއެމްއޭގެ ގަވަނަރެއް ސަރުކާރުގެ އެއްވެސް މިނިސްޓަރަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޕްރެސްއެއް ބާއްވާފައިނުވާ ކަމަށާއި އެކަމުން ހާމަވަނީ އެމްއެމްއޭގެ މިނިވަންކަން ގެއްލިފައިވާ މިންވަރުކަމަށް މިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ، ޑޮލަރުގެ މައްސަލައާއި ގުޅިގެން އެމްޑީޕީގެ މެކްރޮއިކޮނޮމިކް ކޮމިޓީގެ ފަރާތުން ބޭއްވި ޕްރެސް ކޮންފަރެސްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ފާހަގަކުރެވުނު ކަމަށެވެ. ވަކިން ހާއްސަކޮށް އެމްއެމްއޭގެ މިނިވަންކަން ގެއްލިފައިވާކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

”ޕްރެސް ބަލަން ތިބިއިރު ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ފާހަގަވި. ވަކިން ހާއްސަކޮށް އެމްއެމްއޭގެ މިނިވަންކަން ގެއްލިފައިވާކަން ފާހަގަވި. ފުރަތަމަ ކަމަކަށް ރައީސް އޮފީސް ތެރޭގައި ގަވަނަރ ޕްރެސް ދެއްވުމަކީ ކޮށްގެންވާނެ ކަމެއް ނޫން“ އަމީރު

ނިމިދިޔަ އެއްވެސް ސަރުކާރެއްގައި އެމްއެމްއޭގެ ގަވަނަރެއް ސަރުކާރުގެ އެއްވެސް މިނިސްޓަރަކާއި ސަރުކާރުގެ އެއްވެސް ވުޒާރާއެއް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޕްރެސްއެއް ބާއްވާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކޮވިޑް 19ގެ ތެރޭގައި ”ނެޝެނަލް އޮޕަރޭޝަން ސެންޓަރު“ ތެރޭގައި ބޭއްވުނު ބައެއް ކޮންފަރެންސްތަކުގެ ތެރޭގައި ގަވަނަރު ބައިވެރިވެފައި ހުރިނަމަވެސް މިދިޔަ ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރަންސުން ހާމަވެގެން ދިޔައީ ސަރުކާރާއި އެމްއެމްއޭއާއި ވަރަށް ބޮޑަށް ގުޅިފައިވާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުންވެސް ގަވަނަރ މުނައްވަރު ސަރުކާރުން ބޭނުންވާ ގޮތަށް ބޭނުންހާ ކަމެއް ކުރަމުންދާކަން ދޭހަވާ ކަމަށް އޭނާ ސިފަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އަބަދާއި އަބަދު ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕްކުރި ކަމަށް ބުނަމުންދާއިރު މި ސަރުކާރުން މިހާތަނަށް ގާތްގަނޑަކަށް 6.2 ބިލިއަން ރުފިޔާ ޗާޕްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އަދި އެމްއެމްއޭގެ ޖެނެރަލް ރިޒާވުން ނޫން ގޮތަކަށް ފައިސާ ޗާޕް ކުރެވުނު ގޮތަކާމެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ސަރުކާރަށް ފައިސާ ނުހޯދޭތީވެ މަނިޓަރީ އެކްސްޗޭންޖް ޕޮލިސީގެ ތެރެއިން ސަރުކާރަށް ފައިސާ ދޫކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި 2024 ވަނަ އަހަރުގެ އެމްއެމްއޭގެ ޕްރެސް ކޮންފަރެންސްތަކުގައި އާއި ޕޮލިސީ ނޯޓްތަކުން އެމްއެމްއޭގެ މިހާރުގެ އަމާޒަކީ މާކެޓުގައި ދައުރުވާ ފައިސާ މަދުކޮށް މަނިޓަރީ ޕޮލިސީއެއް ގާއިމުކުރުން ކަމަށް ގަވަނަރު ވިދާޅުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިހާތަނަށް ފާހަގަވެގެންދަނީ އެމްއެމްއޭގެ ސިޔާސަތާއި ސީދާ އިދިކޮޅަށް ކަންކަން ކުރަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ޕްރެސް ކޮންފަރެންސްގައި ގަވަނަރުގެ ވާހަކައިގައި ރާއްޖޭގެ އިގްތިސާދީ ބަހާތައް ރަނގަޅުކަމަށް ވިދާޅުވިކަން ފާހަގަކުރެވުނު ކަމަށާއި އަދި އިރާނުގެ ހަނގުރާމައާއި ގުޅިގެން މާރޗް އޭޕްރިލްގައި ފަތުރުވެރިންގެ އަދަދު ދަށްވިނަމަވެސް ފަތުރުވެރިކަމުން ލިބޭ އާމްދަނި މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރު އިތުރުވަމުންދާ ކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރެވުނު ކަމަށް އަމީރު ވިދާޅުވިއެވެ. އެހެންނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު ބޮޑުވަމުންދާ ކަމަށް ގަވަނަރު ވިދާޅުވި ކަމަށާއި މީގެ އެއްވެސް ސަބަބެއް ނޭނގޭ ކަމަށް ވިދާޅުވެފައިވާއިރު ޕްރެސް ކޮންފަރެންސެއް ބޭއްވުމުގެ ބޭނުމަކީ އެ ހުރިހާ ކަމެއް ރައްޔިތުންނަށް ސާފޮކޮށްދިނުން ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، އިޤްތިސާދުގެ އެންމެ މުހިންމުކަމަކީ އިތުބާރުކަމަށެވެ. އެގޮތުން ސަރުކާރުގެ މާލީ އަދި އިޤްތިސާދީ ސިޔާސަތްތަކާމެދު ރައްޔިތުން ކުރާ އިތުބާރާއި ބޭރުގެ އިންވެސްޓަރުން ރާއްޖޭގެ އިގްތިސާދާއި މާލީ ސިޔާސަތުތަކާއި މެދު ކުރާ އިތުބާރު މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެމްއެމްއޭއިން ބޭއްވި ޕޮރެސް ކޮންފަރެންސުން ހާމަވެގެން ދިޔައީ އެމްއެމްއޭގެ މިނިވަންކަން ގެއްލިފައިވާ މިންވަރުކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: