ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2020 ވަނަ އަހަރަށްއައިއިރު….

ކުރީގެ ރައީސް ނަޝީދުއާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް. ފޮޓޯ: މުންޝިދު[ޓްވިޓަރ]
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަމާންތައް ބަދަލުވަމުން އައިސް 2020 ވަަނަަ އަަހަަރާާއިި ދިވެހިރާއްޖެ ކުރިިމަތިލައިފިއެވެ. 2020 ވަނަ އަހަރަށް ރާއްޖެ މަރުހަބާ ކިޔާފައިވާއިރު، ދިވެހިން މި ހިސާބަށް މިއައީ ތަފާތުކުލަތަކެއް ބެލުމަށްފަހުއެވެ. ތަފާތު ރަހަތަކެއް ލިބިގަތުމަށްފަހުގައެވެ. އެކި ދުވަސްވަރުގައި ކުރި ހިތި ތަޖުރިބާތަކާއި އެކީގައެވެ. ރަސްކަމުގެ ދައުރުތައް ދެކެފައެވެ. ދާދި ކުޑަ މުއްދަތެއްގެ ޖުމްހޫރިއްޔަތެއް ވެސް ދެކެފައެވެ. އަނެއްކާ ވެސް ރަސްކަމުގެ ދައުރެއް ދެކެފައެވެ. އެހެނަސް އެ ކަން ވެސް ބަދަލުވެ، މިއަދު ތިޔަ ފެންނަމުންދަނީ، އަޑަށް ބާރުލާފައި އެ ކިޔާ ޖުމްހޫރީ ވެރިކަމެވެ.

ދިވެހި ތާރީޚީ ޢިލްމުވެރިޔާ ނަސީމާ މުޙައްމަދު ކަލޭފާނު ވިދާޅުވާގޮތުން، މީލާދީ ސަނަތުން، 1117 އިން ފެށިގެން، 1388 އަށް ދިވެހިރާއްޖޭގައި އޮތީ، ސޯމަވަންސަ ނުވަތަ ތީމުގޭ ދަރިކޮޅުގެ ރަސްކަމެވެ. އެއަށްފަހު 1388 އިން ފެށިގެން، 1632 އަށް އޮތީ، ހިލާލީ ދަރިކޮޅުގެ ރަސްކަމެވެ. 1632 އިން ފެށިގެން، 1692 އަށް އޮތީ، އުތީމު ދަރިކޮޅުގެ ރަސްކަމެވެ. އެއަށްފަހު 1692 ގައި ހަމަވީ ދަރިކޮޅުގެ ރަސްކަން ކުޑަ ދުވަސްކޮޅަކަށް އޮތެވެ. އެހެނަސް، 1692 އިން 1702 އަށް އިސްދޫ ދަރިކޮޅުގެ ރަސްކަން ދެމިއޮޮތެެވެެ. ދެން އައީ 1704 ފެށިގެން، 1759 އަށް އައި، ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަމެވެ. އެއަށްފަހު ހުރާގޭ ދަރިކޮޅުގެ ރަސްކަން ފެށުނީ، ދޮންބަންޑާރައިންނާ ހަމައިންނެވެ. ނަމަވެސް، ދޮންބަންޑާރައިންގެ ރަސްކަމުގެ ދައުރުނިމުމުން، އަނެއްކާވެސް ރަސްކަންކުރެއްވީ ދިޔަމިގިލީ ދަރިކޮޅުންނެވެ. އެއީ 1764 އިން، 1774 އަށެވެ. އަނެއްކާވެސް ހުރާގެ ދަރިކޮޅުން ރަސްކަންކުރެއްވިއެވެ. އެ ފަހަރު 1774 ގައި ފެށި ރަސްކަން، 1952 އަށް ދިގުދެމިގެންދިޔައެވެ.

ދެން ފެނިގެންދިޔައީ، ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ކުރަމުންއައި ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެގެންއައި މަންޒަރެވެ. މި ގޮތުން، ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ދައުރު ފެށުނީ، 1 ޖެނުއަރީ 1953 ގައެވެ. މި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުއްމުވުލްއަމީރުލް މަރުޙޫމް މުޙައްމަދު އަމީންދީދީގެ ވެރިކަން ދެމިއޮތީ 1953އޯގަސްޓު 1953 އާއި ހަމައަށެވެ. އަނެއްކާވެސް ދުވަސްކޮޅަކަށްފަހު، ދިވެހިރާއްޖޭގެ ރަސްކަން ދެވަނަ ފަހަރަށް ޤާއިމްވެގެންދިޔައެވެ. އެއީ 1954 އިން ފެށިގެން، 1968 އަށެވެ. ރަސްކަންކުރެއްވީ އައްސުލްޠާން މުޙައްމަދު ފަރީދު ދީދީއެވެ.

އެއަށްފަހު ރަސްކަން ބަދަލުވެ ޖުމްހޫރިއްޔަތަކަށް ބަދަލުވީ 1968 ގައެވެ. މިއީ ދިވެހި ޖުމްހޫރިއްޔަތުގެ ދެވަނަ ދައުރެވެ. މި ދައުރުގެ ފުރަތަމަ ރައީސް ސުއްމުވުލްއަމީރުލް މަރުޙޫމް އިބްރާހިމް ނާޞިރުގެ ވެރިކަން ދެެމިިއޮޮތީީ1978 ވަަނަަ އަަހަރާއި ހިސާބަށެވެ. ދެންއައީ ދިވެހި ރައްޔިތުން ބުނާ ”ރަން ތިރީސް އަހަރު“ ވެރިކަން ކުރެއްވި ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމްގެ ދައުރެވެ. މި ދައުރު 2008 އަށް ދިގުދެމިގެންދިޔައެވެ.

2008 ގައި ދެން ފެށުނީ ބައެއް ދިވެހިންގެ ”ހިތްތަކުގެ ރައީސް“ ކެނެރީގޭ މުޙައްމަދު ނަޝީދުގެ ވެރިކަމެވެ. ނަމަވެސް، 5 އަހަރުގެ ދައުރު ފުރިހަމަ ނުކުރެއްވެނީސް، 2012 ގައި އަމިއްލަފުޅަށް އިސްތިޢުފާދެއްވައި ރައީސްކަމުން ދުރުވެވަޑައިގަތެވެ. ދެން ފެށުނީ، ރައީސް ނަޝީދުގެ ވެރިކަމުގައި ހުންނެވި ނައިބު ރައީސް މުޙައްމަދު ވަޙީދު ޙަސަން ވެރިކަން ހިންގެވި ދުވަސްކޮޅެކެވެ. އެއީ 2012 އިން 2013 އަށެވެ. އެއަށްފަހު 2013 ގައި އިންތިޚާބު ބޭއްވި ރައީސްކަމަށް ހޮވިވަޑައިގަތީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމުގެ ކޮއްކޯފުޅު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އެއަށްފަހު ޔާމިނުގެ ދައުރު ނިމި އަޅުގަނޑުމެން މިއަދު މި ދެކެނީ، އެ ވެރިކަމަކަށް ކުރީގެ ރައީސް ނަޝީދު އަތްބާނުއްވައިގެން މި ހިިންްގަަވާާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމެވެ.

އާދޭހެވެ. މި ހުރިހައި ދުވަސްވަރުގައި ނުވަތަ ދައުރުތަކެއްގައި، އަޅުގަނޑުމެންނަަށްް ތަފާތު ރަހަތައް ލިބިއްޖެއެވެ. މިނިވަންކަން ގެއްލި ދިޔައެވެ. އެންމެ ފަހަރަކު ނޫނެވެ. އެތައް ފަހަރަކުއެވެ. އެކި ސިފަސިފައިގައެވެ. ރައްޔިތުން ގަނަވެސް ތަޅުވައިފިއެވެ. ގުނބޯވެސް ހައްދައިފިއެވެ. ޑިމޮކުރެސީއޭ ކިޔައިގެން ރައްޔިތުން ވާވައްދައިފިއެވެ. ހެޔޮވެރިކަމެެއްްކުރުމުގެ ބަދަލުގައި އަނިޔާވެރިކަން ވެސް ކުރައްވައިފިއެވެ.

ތަރައްޤީއަކީ، ނުވަތަ ތަހުޒީބަކީ، ހަމައެކަނި ބުރިޖެއްނޫނެވެ. ހަމައެކަނި ފްްލެެޓުު ބަަރިި އެެއްވެސް ނޫނެވެ. އެއާއެކު ވެރިޔާގެ ވިސްނުންފުޅު ވެސް ތަރައްޤީވާންޖެހެއެވެ. ވައިރަސްތަކުން ވިސްނުންފުޅު އެއްކިބާކުރަން އެއަށް ފަރުވާދެއްވަންޖެހެއެވެ. ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލެއް ގެންގުޅުއްވަން ޖެހެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ހަތަރުވަނަ ބާބުގެ 106 ގެ (ނ) ގައި ވަނީ،

“ ދައުލަތް ހިންގުމުގެ އެންމެހައި އުޞޫލުތައް ކަނޑައަޅާނީ މި ޤާނޫނު އަސާސީން (ދިވެހިރާއްޖޭގެ ޤާނޫނުއަޞާސީ) ކަމަށް ވީ ހިނދު، މި ޤާނޫނު އަސާސީ ދަމަހައްޓައި، ދިފާޢުކޮށް، ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ހިތުން މަތީ ރައީސުލްޖުމްހޫރިއްޔާ ދެމިހުންނަންވާނެއެވެ. އަދި ދައުލަތުގެ އެއްބައިވަންތަކަން ދަމަހައްޓަަން މަސައްކަތް ކުރަންވާނެއެވެ.“

ފުރަތަމަ ޖުމްހޫރިއްޔަތު ވެސް އުވިގެންގޮސް ސުއްމުވުލްއަމީރު މުޙައްމަދު އަމީނަށް އެތަކެއް އަނިޔާއެއް ލިބިވަޑައިގަތީ، އޭރު ބަޔަކު ހިންގި ބަޣާވާތެއްގެ ސަބަބުންނެވެ. އެއްބައިވަންތަކަން ދަމަހައްޓަވައި ހަމަހަމަ އުސޫލެއް ޤާއިމުކުރައްވަން އެ މަނިކުފާނު ނުހަނު މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް ވެރިކަމަށް ދަހިވެތިވާ ބޭފުޅުންތަކެއް ވެރިކަމުގެ އިސްސަފުގައި ތިއްބެވުމުގެ ސަބަބުން ދާދި ކުޑަ ދުވަސްކޮޅެއްގެތެރޭގައި ފުރަތަމަ ޖުމްހޫރިއްޔަތަށް ނިމުންއައީއެވެ.

މިހާރު ވެސް ފެންނަމުންދަނީ އެފަދަ މަންޒަރުތަކަކަށް މަގުފަހިކުރާ ޢަލާމާތްތަކެކެވެ. ކޮންމެކަމެއް ވެސް ފެށެނީ ދުރުންނެއްނޫންތޯއެވެ. އަޅުގަނޑު ހިތުން ރައީސް ނަޝީދު މި ވެރިކަމަށް އަތްބާނުއްވަން ހައްދަވައިގެން މި ވެރިކަމެއް މާ ގިނަދުވަހަކު ދެމިއެއް ނޯންނާނެއެވެ.

އަޅުގަނޑުގެ ލިޔުން ނިންމައިލާނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އިލްތމާސްއެއް ކުރަމުންނެވެ. ލޮބުވެތި ރައީސްއެވެ!

”އެންމެ ކައިރީގަ ހީފާ އުޅޭ ރައްޓެހިން ވާނޭ ފަހުން ބޭވަފާާ“ 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: