ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ މިންވަރަށް ވެންޓިލޭޓަރު ގެންނަަން ނިންމާފައިވާ ވުމާއި ގުޅިގެން ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއާ ސުވާލުކުރަން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމްހުށަހެޅުއްވުމަށް މިނިސްޓަރު ޖަވާބުދާރީވެފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުންބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުން ނެރު ބަޔާނެއްގައި ޤާނޫނު އަސާސީއާ ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ ދަށުން މިނިސްޓަރު އޮފް ހެލްތް އަބްދުﷲ އަމީން އަރުހުން ލިޔުމަކުން ޖަވާބު ހޯއްދެވުމަށް، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ދެންނެވި ސުވާލުގެ ނޯޓިސް ހަމަވިއިރުވެސް ޖަވާބު ދެއްވާ ނުވާ ކަމަށެވެ.
މިނިސްޓަރު އަމީން ޖަވާބު ދެއްވާފައި ނުވުމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފުވެވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެކެވަޑައިގަންނަވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ހުށަހަޅުއްވާފައި ވަނީ ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރިއަށް ދޭތޯ އާއި އެކަން ކުރިއަށް ގެންދާ ގޮތަކީ ކޮބައިތޯ ބެލުމަށާއި އެކަން ކުރިއަށް ގެންދަނީ ބިޑް ކޮށްގެންތޯ އާއި އަދި ބިޑަށް ކުރިމަތިލީ ކިތައް ފަރާތުން ތޯ ވެސް ސާފުކުރުމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް 70 ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. އަދި އަމާޒަކީ 200 ވެންޓިލޭޓަރުގެ ސެޓަޕެއް ގާއިމް ކުރުން ކަމަށާއި ވެންޓިލޭޓަރު ލިބުން ލަސްވަނީ މިހާރު މުޅި ދުނިޔޭގައި ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް ވެސް ސަރުކާރުން އޭރު ބުނެފައިވެ އެވެ.
ސަރުކާރުން އެހެން ބުނި ކަމުގައިވެސް ވެންޓިލޭޓަރުތައް ރާއްޖޭ ގެނައުމަށް ފުރަތަމަ ހަވާލުކުރެވުނީ ފެބްރުއަރީ މަހުގެ ފަހުކޮޅުގައިކަން ވަނީ އެނގިފައެވެ. އަދި އެކަންކޮށްފައިވަނީ ސިއްޙީ ކުއްލި ނުރައްކަލު ހާލަތްތަކުގައި އަމަލުކުރަމުން އަންނަ ގޮތް ކަމަށް ބުނެއެވެ.
އެގޮތުން ހެލްތު މިނިސްޓްރީގެ ޕްރޮކިޔުމަންޓް ޑިޕާޓްމަންޓްގެ އިސް ބޭފުޅަކު އެކި ކުންފުނިތަކަށް ގުޅާ ވެންޓިލޭޓަރުތައް ގެނެސްދޭން އަގުތަކުގެ ކޯޓޭޝަން ފޮނުވުމަށް ދަންނަވާފައިވެއެވެ. އަދު އޭގެފަހުން އެ މުއާމަލާތްތައް ކޮސްފައިވަނީ އީމެއިލް މެދުވެރިކޮށެވެ.
ކޮވިޑް-19 އާއި ގުޅިގެން މިހާރު ރާއްޖެ ގެންނަން މަސައްކަތްކުރާ ވެންޓިލޭޓަރުތަކާއި ގުޅޭގޮތުން ސަރުކާރުން ދައްކާ ވާހަކަތައް ތަފާތުވެފައިވެއެވެ. 70 ވެންޓިލޭޓަރު ގެނައުމުގެ މަގުމަތީގައިވާ ކަމަށް މާޗު މަހުގެ 28 ވަނަ ދުވަހު ސަރުކާރުން ހާމަކުރިނަމަވެސް އޭގެ ކުރިންވަނީ އެކަން އެކި ފަރާތްތަކާއި ޙަވާލުކޮށްފައެވެ
ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ހުޅުވާލެވުނު ބިޑްގައި ބައިވެރިވެ ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބަޔަކަށް ކަމަށް ސަރުކާރުން ބުނުމަށްފަހު ޖެހިގެން އައި ދުވަހުވަނީ އެކަން ޙަވާލުކޮށްފައިވަނީ 16 “ ފަރާތަކަށް ގުޅައި“ އޭގެ ތެރެއިން ހަތަރު ފަރާތަކުން ޕްރޮޕޯޒަލް ހުށަހެޅި ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ޕްރޮޕޯސަލް ހުށަނޭޅީ ވެންޓިލޭޓަރުތަކުގެ ”ސްޕެސިފިކޭޝަން“ ހެލްތު މިނިސްޓްރީން ގުޅުއްވި ބޭފުޅާއަށް ސާފުކޮށް ނުދެވުމުންނެވެ.
ވެންޓިލޭޓަރުތައް ރާއްޖެ ގެންނާނެ ކަމަށް ގިނަ ތާރީޚުތަކެއްވެސް ވަނީ ދީފައެވެ. އެގޮތުން އެންމެ ފަހުން ދީފައިވާ ތާރީކުތަކަކީ އޭޕްރިލް މަހުގެ 20-25 ދެމެދެވެ. ނަމަވެސް މިހާރު އަނެއްކާ އެ މުއްދަތުވަނީ އަންނަ މޭ މަހަށް އިތުރުކޮށްފައެވެ.
ކޮވިޑް 19ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ގެންނަން މަސައްކަތްކުރާ ވެންޓިލޭޓަރުތަކަށް ޖުމްލަ 56.3 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ރާއްޖެ ގެންނަން ވެންޓިލޭޓަރުތަކުގެ ތެރެއިން 1.3 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ގެންނަ ހަ ޕޯޓަބްލް ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ ”ނާޑް“ ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އަދި 20 އައިސީޔޫ ބެޑް ވެންޓިލޭޓަރު ގެންނަން ވެސް ”ނާޑް“ ކުންފުންޏާ ޙަވާލުކޮށްފައިވެއެވެ.
މީގެ އިތުރުން 14 މިލިއަން ރުފިޔާއަށް 50 ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ ”މެޑްޓެކް“ ކުންފުންޏާ އެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މެދުވެރިކޮށް ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރެއް ހިމެނެއެވެ. މި ވެންޓިލޭޓަރުތަކަށް 34 މިލިއަން ރުފިޔާ ޚަރަދު ކުރެއެވެ. ސަރުކާރުން 76 ވެންޓިލޭޓަރު ގެނައުމަށް، ”ނާޑް“ އަދި ”މެޑްޓެކް“ އާއި ޙަވާލުކޮށްފައިވީނަމަވެސް އޭގެ ތެރޭން މިހާތަނަށް ރާއްޖެ ގެނެވިފައިވަނީ އެންމެ 6 ޕޯޓަބަލް ވެންޓިލޭޓަރެވެ.

