އަމާޒު ބޯޓާ ގުޅިގެން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް ނުވަ އަކަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ކުރިޔަށް ގެންދިޔަނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އަމާޒު ބޯޓު ކޭސްއާއި ގުޅިގެން ށ. ނަރުދޫއިން މިހާތަނަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 9 އަކަށް އަރާ ކަމަށެވެ. އަދި ކައްޕިއާއި ކޮންޓެކްޓުވެ ށ. މިލަންދޫ މީހެއް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.
އަމާޒު ބޯޓު މާލެއިން ފުރާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެއީ، މާލެއިން ފުރަތަމަ ފަހަރަށް ބަލި ފެނުނު ދުވަހެވެ. އަދި އެ ދުވަހު މުޅި މާލެ ލޮކްޑައުންކޮށް އަރާ ފޭބުން މަނާ ކުރިއެވެ.
އަމާޒު ބޯޓު ކެޕްޓަނަށް ބަލި ޖެހުނު ގޮތް އަދި ސާފު ނުވީ ނަމަވެސް، ބޯޓު ފުރުމުގެ ކުރިން އޭނާ ބާޒާރު މައްޗަށް ދިޔަ ކަމަށް ވައެވެ. ޕޮޒިޓިވްވީ ”އަމާޒް“ ބޯޓްގެ ކެޕްޓަނަކީ އުމުރުން 49 އަހަރުގެ ދިވެއްސެކެވެ.
އެ ބޯޓާއި ގުޅިގެން މިހާތަނަށް ވަނީ 113 ކޮންޓެކްޓެއް ހޯދިފައެވެ. އޭގެ ތެރެއިން ހައިރިސްކު ކޮންޓެކްޓުންނަކީ 35 މީހުންނެވެ. އަދި އޭގެ ތެރެއިން 11 މީހެއްގެ ފަރާތުން އަލާމާތްތަކެއް ފެނި، ބައްޔަށް ޓެސްޓުކުރިއިރު 9 މީހުން ޕޮޒިޓިވް ވީއެވެ.
ނަރުދޫއިން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ، ބޯޓުގެ ކްރޫއިންތަކަކާއި ކައްޕީގެ އާއިލާގެ މެމްބަރުންތަކެކެވެ. ވައިރަހަށް ޕޮޒިޓިވްވި ނަރުދޫ މީހުން މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކޮށްފައެވެ.
ބޯޓު ހއ، ށ އަދި ނ. އަތޮޅުގެ ރަށްތަކަށް ދަތުރު ކުރި އެވެ. އޭގެ ތެރޭގައި ނ. މާފަރާއި އެ އަތޮޅު ހެނބަދޫ އާއި މިލަދޫ އާއި ކެނދިކުޅުދޫ އާއި ވެލިދޫ އާއި ހޮޅުދޫ އަށް ދަތުރު ކޮށްފައި ވެއެވެ. މީގެ އިތުރުން ށ. އަތޮޅުން ނަރުދޫ އާއި ފުނަދޫ އާއި މިލަންދޫ އާއި ފީވަކާއި މާއުނގޫދޫ އަށް ވެސް އަމާޒު ދިޔަ އެވެ. މީގެ އިތުރުން ހއ. ދިއްދޫ އާއި އުތީމަށްވެސް އަމާޒު ބޯޓު ވަނެވެ. އަދި އެ ބޯޓްގެ ކެޕްޓަން ޕޮޒިޓިވް ވެފައި ވުމުން، އޭނާއާއި ކޮންޓެކްޓުވެފައިވާ ގިނަ ކޭސްތަކެއް ފެނުމުގެ ބިރު އެބަ އޮތެވެ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑެއްގައި ކުރިޔަށް ދާ ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.
އަމާޒު ބޯޓުގެ ކައްޕި ވައިރަހަށް ޕޮޒިޓިވެ، އާއިލާގެ ބައެއް މެމްބަރުންނަށް ވެސް ބަލި ޖެހުނުއިރު މިއީ ބޮޑު ކަލަސްޓާއެއްގެ ގޮތުގައި ވެދާނެކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.

