ކޮވިޑާއި ގުޅިގެން ބައްޔާއި ދެކޮޅަށް، ފްރޮންޓްލައިނުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ވެސް ބޭނުންވާ އެކި ތަމްރީނުތައް ދީފައިވާނެ ކަމަށް މޯލްޑިވްސް ރެޑްކްރެސެންޓުން ހާމަކޮށްފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް ރެޑްކްރެސެންޓްގެ ޕްރޮގްރާމް އެންޑް ސާވިސަސް މެނޭޖަރު މައީދު ވިދާޅުވީ، އެންއީއޯސީގައި އެމްއާރުސީގެ ކޯލް ސެންޓަރެއް ގާއިމްކޮށް ނަފްސާނީ، އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފެށީ މާޗު މަހުގެ 7 ގައި ކަމަށެވެ.
މަލޭގައި ކޮރޯނާ ވައިރަސް، ކޮމިއުނިޓީ ސްޕްރެޑަކަށް ބަދަލުވުމާއި ގުޅިގެން އެމްއާރުސީގެ ފިޒިކަލް ސެޓަޕްތައް ހޮޓްލައިނަށް ބަދަލުކުރިކަން މައީދު ފާހަގަކުރެއްވިއެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިކޯ ސޯޝަލް ސަޕޯޓު ހޮޓްލައިނެއް މެދުވެރިކޮށް ދޭން ފެށި ހިދުމަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެންމެ ފުރަތަމަ މަސައްކަތް ފެށިއިރު 5 ފޯނު ހުރިނަމަވެސް އެ އަދަދު 15 އަށް އިތުރު ކުރިކަން ފާހަގަކުރައްވާ މައީދު ވިދާޅުވީ، މިހާތަނަށް 1373 މީހަކަށް ސައިކޯ ސޯޝަލް ސަޕޯޓު ފޯރުކޮށްދީފައިވާނެ ކަމަށެވެ.
https://twitter.com/maldivianrc/status/976398690595176448
މީގެ އިތުރުން މައީދު ވިދާޅުވީ، ތަމްރީނުވެފައި ތިބި ސާޅީހަށް ވުރެ ގިނަ މީހުން ސައިކޯ ސޯޝަލް ސަޕޯޓު ދިނުމުގައި ހަރަކާތްތެރިވާ ކަމަށެވެ. އަދި ހާލަތު ބަދަލުވަމުން އަންނަވަރަކުން، އެ އަދަދު ވެސް އިތުރުވާނެ ކަމަށް މައީދު ވިދާޅުވިއެވެ.
މައީދު ވިދާޅުވީ، އެމްއާރުސީން ކޮރޯނާ ވައިރަހާއި ގުޅިގެން، މި ބައްޔާއި ދެކޮޅަށް އެންމެ ފްރޮންޓްލައިނުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ތަމްރީނު ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި 266 މީހަކު ހިމެނޭ ކަމަށް މައީދު ވިދާޅުވިއެވެ.
https://twitter.com/maldivianrc/status/1248322060012548096

