ކ. މާފުށީގައި ކުރިއަށްދިޔަ އުރީދޫ މޯލްޑިވްސް މަސްރޭހުގެ މުބާރާތުގެ އެއްވަނަ ހޯދައި، ޓީމް އެންޒީން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭހެން ޖުމްލަ 14 ޓީމަކުން ވާދަކުރި މި މުބާރާތުގެ އެއްވަނަ އެންޒީން ކަށަވަރުކުރީ 923 ޕޮއިންޓުގެ ބޮޑު ނަތީޖާއަކުންނެވެ.
މުބާރާތުގެ ދެވަނަ 606.25 ޕޮއިންޓާއެކު ސްޓެލްކޯގެ ފިރިހެން ޓީމު ހޯދިއިރު، ތިންވަނަ ލިބުނީ 597.75 ޕޮއިންޓް ހޯދި ޓީމު އޭވިއަން އަށެވެ.
މުބާރާތުގެ ވަނަތަކަށް އުރީދޫ މޯލްޑިވްސްއިން ވަނީ އަގުހުރި ފައިސާގެ އިނާމުތަކެއް ދީފައެވެ. އެގޮތުން ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ، ދެވަނަ ޓީމަށް 10،000 ރުފިޔާ އަދި ތިންވަނަ ހޯދި ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފައެވެ.
ޓީމުތަކުގެ އިތުރުން ވަކިވަކި ބައިވެރިންގެ ކާމިޔާބީތައް ފާހަގަކޮށް ވެސް އިނާމު ދީފައިވެއެވެ.
އެގޮތުން މުޅި މުބާރާތުގައި އެންމެ ބަރު މަސް ބޭނި ބައިވެރިޔާގެ ޝަރަފު ހޯދީ 8.55 ކިލޯގެ މަހެއް ބޭނި ޓީމު އޭވިއަންގެ އަލީއެވެ. އެންމެ މޮޅު ފިރިހެން މަސްވެރިޔާގެ މަގާމު 13 މަސް ބާނައިގެން ސްޓެލްކޯ ޓީމުގެ އިޝްހާގް މުޙައްމަދު ހޯދިއިރު، 19 މަސް ބާނައިގެން އެންމެ މޮޅު އަންހެން މަސްވެރިޔަކަށް ހޮވުނީ ޓީމް ސީ ޕީލްގެ ޝަހީދާ މުޙައްމަދެވެ. ވަކިވަކި ވަނަތައް ހޯދި ކޮންމެ ބައިވެރިއަކަށް ވެސް އުރީދޫން ވަނީ 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.
އުރީދޫން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މަސްރޭހަކީ ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ހަރަކާތެކެވެ.

