ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންގެ ވަޒީފާ ގިންތިކުރުމަށް ގެނައި ބަދަލާ ގުޅިގެން ހެލްތު ޔޫނިއަންގެ ކަންބޮޑުވުން!

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވަޒީފާތައް ގިންތިކުރުމަށް އެކްސްޕެޓް ސިސްޓަމަށް ގެނައި ބަދަލުތަކުގެ ސަބަބުން ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް ބުނެ، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ޔޫނިއަނުން ސޯޝަލް މީޑިއާގައި އާންމުކުރި މައުލޫމާތުތަކުގައި ބުނީ، ސިއްހީ ދާއިރާގެ މުހިންމު ފަންނީ ގިނަ މަގާމުތަކެއް ނޮން-ޕްރޮފެޝަނަލް ގިންތިއަށް ބަދަލުކޮށްފައިވާކަމަށެވެ. މީގެ ތެރޭގައި މެޑިކަލް ސަބް ސްޕެޝަލިޓީތަކާއި، ލެބޯޓްރީ ޓެކްނީޝަނުންގެ އިތުރުން މެޑިކަލް އިމޭޖިންގ ޓެކްނީޝަނުން ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ.

މި ބަދަލާއެކު، ފަންނީ މުވައްޒަފުންނަށް ކުރިން ލިބެމުންދިޔަ މުހިންމު އިނާޔަތްތަކާއި ލުއިތައް ގެއްލިފައިވާކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ އޭގެ ތެރޭގައި ބޭރު ފައިސާ ގައުމަށް ފޮނުވުމުގައި ލިބޭ މަތީ ލިމިޓްތަކާއި، އާއިލާތަކަށް ދެވޭ ޑިޕެންޑެންޓް ވިސާގެ ހިދުމަތް ހިމެނޭ ކަމަށެވެ.

ހެލްތު ޔޫނިއަނުން ބުނި ގޮތުގައި، ގިނަ ބިދޭސީ ސިއްހީ ހިދުމަތްތެރިންނަކީ ރާއްޖޭގައި އާއިލާއާއެކު ދިރިއުޅެ، ދަރިންނަށް ތައުލީމު ފޯރުކޮށްދެމުންދާ ބައެކެވެ. ނަމަވެސް، އައު އުސޫލުގެ ސަބަބުން ޑިޕެންޑެންޓް ވިސާ އާނުކުރެވި، އާއިލާތައް ވަކިވެ، އަނބިދަރިން އަނބުރާ ގައުމަށް ފޮނުވާލަން ޖެހުމަކީ އެ ފަރާތްތަކުގެ ދިރިއުޅުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާނެކަމެއްގެ ގޮތުގައި ބުންޏެވެ.

މީގެ އިތުރުން، ބިދޭސީ ފަންނުވެރިންނަށް ބޮޑަށް ބަރޯސާވެފައިވާ ރާއްޖޭގެ ސިއްހީ ނިޒާމަށް މިކަމުގެ ސަބަބުން ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރާނެކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ. އެގޮތުން ގާބިލު މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށާއި، މެދުކެނޑުމެއް ނެތި ސިއްހީ ހިދުމަތް ދިނުމަށް މިކަމުގެ ސަބަބުން ހުރަސްއެޅޭނެކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން، ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ތައުލީމީ ފެންވަރާއި، ހުނަރާއި، އަދި އެމީހުން އަދާކުރާ މުހިންމު ދައުރަށް ރިއާޔަތްކޮށް، އޮކިއުޕޭޝަން ކެޓަގަރައިޒޭޝަން ލިސްޓު އަލުން މުރާޖައާކޮށްދިނުމަށް ހޯމް މިނިސްޓްރީއަށް އެ ޔޫނިއަނުން ވަނީ ގޮވާލާފައެވެ. އަދި ސިއްހީ ހިދުމަތްތެރިންނަށް ލިބޭ ބޭއިންސާފު ހުއްޓުވުމަށްޓަކައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ހެލްތް މިނިސްޓްރީއަށް ވެސް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: