ސިނަމާލެ ބުރިޖުގެ މަސައްކަތުގައި ހައުސިން މިނިސްޓަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވުން ފިޔަވާ އިތުރު ކޮންޓްރިބިއުޝަނެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ޖަލްސާގައި ޔާމީން ވިދާޅުވީ، 2 ބުރިޖުގެ އިންޖިނޭރުންނޭ ބުނެ ދެކެވޭނެ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށެވެ. ސިނަމާލެ ބުރިޖުގެ މަސައްކަތ ކުރިއިރު، ރައީސް މުއިއްޒު އޭރު ހައުސިންގ މިނިސްޓަރަކަށް ހުންނެވުން ފިޔަވާ އެމަނިކުފާނުގެ އެއްވެސް ކޮންޓްރިބިއުޝަންއެއް ނުވަތަ ހިއްސާއެއް އެ މަސައްކަތުގައި ނޯންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އޭރު ހުރިހާ މަޝްވަރާއެއް ހިންގައިދިޔައީ ރައީސް އޮފީހުގައި ކަމަށާއި، ކޮމިޓީގައި ތިއްބެވި އިސް ބޭފުޅުންނާއެކު މަޝްވަރާތައް ކުރިއަށް ދިޔަ ކަމަށެވެ. އެހެންކަމުން މިކަމުގައިވެސް ކަންތައްތަކެއް އޮޅުވާލުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ޔާމީން ވިދާޅުވިއެވެ.
”ނަލަ ހެދިގެން ދެކޮޅަށް ދެކޮޅަށް ހިނގިދާނެ. އެނޫން ކަމެއް މިހާރު ކުރާން ވެސް ނެތީ،“ ރައީސް ޔާމީން
ތަރައްގީގެ މަޝްރޫއުތަކުގެ މައުޟޫ ނިންމާލުމަށްފަހު ސިއްހީ ދާއިރާގެ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ރާއްޖޭގައި ޑޮކަޓަރުން ތަމްރީމްކުރުމުގެ މަސައްކަތް ނުވަތަ ކިޔެވައިދުނުމުގެ މަސައްކަތް ފެށުނީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ. މިއަދު އޭގެ ތެރެއިން ބައެއް ކުދިން ގްރެޖުއޭޓްވެސް ވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޔާމީން ވިދާޅުވީ، ސިއްހީ ނިޒާމުގެ ވާހަކަ ދައްކާއިރު ކަންކަން ބޮއްސުންލައި، މިހާރު ރާއްޖޭގެ ބައެއް ހޮސްޕިޓަލްތަކުން އާސަންދަ ދޫކޮށްލައިފި ކަމަށެވެ. މީގެ އިތުރުން ޔާމީން ވިދާޅުވީ ސިއްހީ ދާއިރާގެ ކަންކަން ރަނގަޅުވާނެ ދުވަހަކަށް އަބަދުވެސް އިންތިޒާރު ކުރައްވާ ކަމަށެވެ.
ސިނަމާލެ ބްރިޖުގެ މަސައްކަތުގައި ރައީސް މުއިއްޒުގެ އިތުރު ހިއްސާއެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު، މިދިޔަ އެމްޑީޕީ ސަރުކާރުގައި ފެށި ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ނިމުމުން އިއްޔެ ރައީސް މުއިއްޒު ވަނީ ސަރުކާރުގެ ވަޒީރުންނާއި އެހެނިހެން އިސް ބޭފުޅުންނާއެކު ބްރިޖުގެ އެއްކޮޅުން އަނެއް ކޮޅަށް ހިންގަވައިފައެވެ. އަދި އެފަދަ މަޝްރޫއުތައް އަވަހަށް ނިންމުމަށް އިސްކަން ދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

