”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ ފޯމުތަކާ ގުޅިގެން ރައްޔިތުން ސާފުކުރަން ބޭނުންވާ އިތުރު މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ޓަކައި، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ކޯލް ސެންޓަރުގެ ހިދުމަތް ފުރިހަމަ އިންތިޒާމުތަކާއެކު ފަށާފައިވާކަމަށް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ނާޝިދު ވިދާޅުވެއްޖެއެވެ.
ޑެޕިއުޓީ މިނިސްޓަރު ނާޝިދު އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ހިންގާ ޕްރޮގްރާމްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިނިސްޓްރީގައި ގާއިމްކޮށްފައިވާ ހެލްޕް ޑެސްކު އަދި ކޯލު ސެންޓަރު ހުޅުވިފައި ހުންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 15:00 އަށެވެ.
ހެލްޕް ޑެސްކާއި ކޯލު ސެންޓަރުގެ ހިދުމަތް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކުވެސް ލިބޭނެ ކަމަށާއި ބޯހިޔާވަހިކަމުގެ ސްކީމްތަކާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރައްވަން 900-4004 ނަމްބަރު ފޯނަށް ގުޅުމުން އެ މައުލޫމާތެއް ލިބޭނެކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް އެ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އެގޮތުން ޑިސެމްބަރު މަހުގެ ތެރޭގައި ފްލެޓު ލިސްޓު ނެރޭނެ ކަމަށް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.
ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށް ގެންދާއިރު، ހުށަހަޅާފައިވާ މައުލޫމާތުތަކާއި، އެ މިނިސްޓްރީއަށް ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކުން ފޮނުވާފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތުގައި ފުށުއެރުމެއްވާނަމަ އެކަން ”ބޯހިޔާވަހިކަން“ ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އެންގޭނެއެވެ.
ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ދީފައިވާ ނޯޓިސްގައިވާ މައުލޫމާތު ސައްހަ ނޫންކަމުގައިވާނަމަ އެކަމުގެ ތަފްސީލާއި ކަމާގުޅުން ހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ކަލަންޑަރު ހަތް ދުވަހުގެ މުއްދަތެއް ފޯމު ހުށަހެޅި ފަރާތަށް ލިބިގެންދާނެއެވެ.
”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ޕްލެޓަށް އެދި ހުޅުވާލި ފުރުސަތުގައި 58،505 ފޯމު ވަނީ ހުށައަޅާފައެވެ. އޭގެ ތެރެއުން ފުލެޓަށް އެދި 35،930 ފޯމު ހުށައަޅާފައިވާއިރު ގޯއްޗަށް އެދި ހުށައަޅާފައިވަނީ 22،575 ފޯމެވެ.

