ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ހަރަދުތައް ކުޑަކުރުމަށް މުސާރައިގެ އޮނިގަޑަށް ބަދަލުގެންނަންޖެހޭ ކަމަށެވެ.
އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި 15,000 ރުފިޔާއަށް ވުރެ އިތުރަށް މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ސާކިއުލާގައިވަނީ އަންގާފައެވެ.
ސާކިއުލާވާ ގޮތުން މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުމަށް ހަދަންޖެހޭ ދިރާސާތައް ހަދައި، އަންނަ މަހުގެ 5 ގެ ކުރިން އެ މިނިސްޓްރީ އަށް ފޮނުވަން ޖެހެއެވެ.
މުސާރަ ކުޑަކުރިޔަސް 15,000 ރުފިޔާއަށްވުރެ ކުޑަ މުސާރަ ލިބޭ އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުކުރުމަށް ވަނީ އަންގައިފަ އެވެ.
ސާކިއުލާގައި ބުނެފައިވަނީ މުސާރަ ކުޑަކުރާ މީހުންގެ ތެރޭގައި ހިމެނޭ ބޮޑު މުސާރަ ލިބޭ މީހުންގެ މުސާރައިން ބޮޑު އަދަދެއް އުނިކުރުމަށެވެ. ނަމަވެސް މުސާރަ ކުޑަކުރުމަށް ފަހު ވެސް ބޮޑު މުސާރަ ލިބޭ މަގާމުތަކުގެ މުސާރަ އެހެން މަގާމުތަކަށް ވުރެ ބޮޑުވާން ޖެހޭނެ ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.

