ކޮވިޑް-19 ޖެހުނު އުމުރުން ދުވަސްވީ އަންހެން މީހާ ނިޔާވުމުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ އިހުމާލެއް އޮތްތޯ ބައްލަވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭން ކޮވިޑް-19 ޖެހިގެން ނިޔާވެފައިވަނީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވެފައި ވަނީ ބުދަ ދުވަހުގެ ރޭ 7:30 ހާއިރުއެވެ.
ނިޔާވި މީހާއަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު މީހެކެވެ. ނަމަވެސް ނަތީޖާ ލިބިފައިވަނީ ނިޔާވި ފަހުންނެވެ. އެމީހާއަކީ ޕޭޝަންޓް 126އާ ގުޅުން އޮތް މީހެކެވެ. ޕޭޝަންޓް 126 ޕޮޒިޓިވްވެފައިވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ ގެ ހުރީ މޮނީޓަރިން ހާލަތުގަ އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ މި ކަމާއި ގުޅިގެން ކަންތައްތަތް ހިނގާދިއަގޮތް ބައްލަވާނެ ކަމަށެވެ. އަދި މިހާރު އަމަލުކުރާ އުސޫލުތަކަށް ބަދަލުގެންނަންޖެހޭނަމަ އެކަންވެސް ކުރާނެކަމަށެވެ.
”ކަމެއް ފާހަގަކުރެވޭ ކަމަށްވަންޏާ، އަޅުގަނޑުމެން އެކަމެއް ބަލާނަން. މިވަގުތާ ހިސާބަށް އައި އިރު، އަޅުގަނޑުމެން ފަހަތަށް އެނބުރި އެހެން ކަންކަން ބަލާނަން. އަދި ކަމެއް ރިޕޯޓު ނުކުރި ކަމުގައިވީ ނަމަވެސް، މިހެން ދިމާވެއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންގެ ޕްރޮސެސްތައް ވެސް ރިވައިސްކޮށް އަޅުގަނޑުމެން ބަލާނަން އަޅުގަނޑުމެންގެ ޕްރޮސެސްތަކުގައި ލަސްކަމެއް ހުރި ކަމަށްވަންޏާ ލަސްކަމެއް ހުރިތޯ ޔަގީންކޮށް އެކަމެއް ބަލާނަން“ އަމީން ވިދާޅުވިއެވެ.
މޮނީޓަރިންގެ ހާލަތުގައި ހުރި ގެއެއްގައި ހުރި މީހަކަށް އެކަށީގެންވާ ފަރުވާ ނުދެވުނު ކަމަށް އާއިލާގެ ފަރާތުން ތުހުމަތުކޮށްފައިވެއެވެ.
ޕޭޝަންޓް 126، ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު އޭނާގެ ކޮންޓެކްޓް ޓްރޭސިން ފަށައި، ނިޔާވި އަންހެން މީހާ އުޅޭ ގެ ވެސް މޮނީޓަރިންއަށް ގެންދިޔަ އެވެ. އަދި ޓެސްޓް ކުރަން ސާމްޕަލް ނަގާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެއީ 28 ވަނަ ދުވަހެވެ.
އާއިލާއިން ބުނާ ގޮތުގައި ސާމްޕަލް ނެގުމަށް އެޗްޕީއޭގައި އިން ދިޔައީ ވެސް އާދޭސްކުރި ފަހުންނެވެ. އޭރު ޕޭޝަންޓް 126 ފެނުނުތާ ހަތަރު ދުވަސް ވެއްޖެ އެވެ. ސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ އަންހެން މީހާ ނިޔާވި ފަހުންނެވެ.

