ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިގެން މާލެއިން އެންމެ ފުރަތަމަ ނިޔާވި އުމުރުން 83 އަހަރުގެ އަންހެން މީހާ ގުޅިފައި ވަނީ އެމްއެޗްއޭގެ ކަލްސްޓާއާއި ކަމަށް ނެޝަނަލް އިމަޖެހްސީ ސެންޓަރުން ހާމަކޮށްފިއެވެ.
ނެޝަނަލް އިމަޖެންސީ ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮރޯނާ ވައިރަހުގެ ކަންކަމުގައި މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ނިޔާވި އަންހެން މީހާގެ ކަންކަމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ބެލުމަށް ހެލެތް މިނިސްޓްރީން ތަހުގީގު ފަށާފައިވާ ކަމަށާއި އަދި އެ އަންހެން މީހާގެ ކަންކަން ހިނގާދިޔަ ގޮތުގެ މައުލޫމާތު މިނިސްޓްރީން އެއްކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ނިޔާވި އަންހެން މީހާ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ގޮތުގެ މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ ނިޔާވި އަންހެން މީހާއަކީ ކޭސް280 ކަމަށާއި އަދި އޭނާ ގުޅިފައި ވަނީ އެމްއެޗްއޭގެ ކަލްސްޓާގެ ތެރެއިން ކޭސް 72 ކަމަށެވެ. އަދި ނިޔާވި އަންހެން މީހާއަކީ ޕްރައިނެރީ ކޮންޓެކްޓެއް ކަމަށާއި އަދި އޭނާ އަކީ ޕްރައިމެރީ ކޮންޓެކްޓެއް ކަމަށް ކަނޑައަޅާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އޭނާގެ ސާންޕަލް ނަގާފައި ވަނީ 27 ވަނަ ދުވަހު ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
ނިޔާވި މީހާގެ ސާންޕަލް ނެގުމުގައި ނެގުމުގައި ލަސްތަކެއް ވެގެން ދިޔަ ކަމަށް ގަބޫލު ކުރަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ މޮޔާވި އަންހެން މީހާ ޕްރައިމެރީ ކޮންޓެކްޓެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 25 ވަނަ ދުވަހު ކަމަށް ވާތީ އޭނާގެ ސާންޕަލް ނެގުމުގައި ލަސްވެފައިވާކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެކަން ހިނގާދިޔަ ގޮތް ހެލްތް މިނިސްޓްރީން ތަހުގީގު ކުރަމުންދާ ކަމަށާއި ތަހުގީގު ނިމުނުހާ އަވަހަކަށް އެކަން ހާމަ ކުރާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި ނިޔާވި އަންހެން މީހާގެ ކޭސް ފެށޭ ހިސާބަކީ އެމްއެޗްއޭގެ ކޭސް 72 އެވެ. އަދި އެ ކޭސް ގުޅެނީ 126 ވަނަ ކޭސްއާއި ކަމަށާއި ނިޔާވި އަންހެން މީހާ ކޮންޓެކްޓް ވަނީ 126 ވަނަ ކޭސްއާއި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން ކޭސް 72 ޕޮޒިޓިވްވުމާއި ގުޅިގެން ނިޔާވި އަންހެން މީހާ ދިރިއުޅުނު ގެ މޮނިޓަރިންގެ ހާލަތަށް ގެނައި ކަމަށާއި އެގޮތުން އެ ގެ މޮނިޓަރިންގެ ހާލަތަށް ގެނސްފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި ނިޔާވި އަންހެން މީހާ ދިރިއުޅުނު ގެ މޮނިޓަރިންގެ ހާލަތަށް ގެންދިޔައީ އަންހެން މީހާ ދިރިއުޅުނު އިމާރާތުގައި އެމްއެޗްއޭގެ ދެ ޑްރައިވަރުން ދިރިއުޅެމުންދާތީ ކަމަށެވެ. އަދި ނިޔާވި އަންހެން މީހާ ދިރިއުޅުނު އިމާރާތް މޮނިޓަރިންއަށް ގެނެސްފައި ވަނިކޮށް މި މަހުގެ 23 ވަނަ ދުވަހު ކޭސް 126 ޕޮޒިޓިވްވި ކަމަށާއި އޭގެ ފަހުން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނިޔާވި އަންހެން މީހާއަކީ ކޭސް 126 ގެ ޕްރައިމެރީ ކޮންޓެކްޓްއެއްކަން އެނގިގެން ދިޔަ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ނިޔާވި އަންހެން މީހާއަކީ 126 ވަނަ ކޭސްގެ ޕްރައިމެރީ ކޮންޓެކްޓަކަށްވީ ނިޔާވި އަންހެން މީހާ ކޭސް 126 އަށް މި މަހުގެ 14 ވަނަ ދުވަހު ޒިޔާރަތް ކޮށްފައިވާތީ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ނިޔާވި އަންހެން މީހާއަކީ ކޮރޯނާ ވައިރަހަސް ޕޮޒިޓިވްވި ކޭސް126ގެ ޕްރައިމެރީ ކޮންޓެކްޓެއްކަން އެނގުމުން އޭނާގެ ސާންޕަލް ނަގާފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ދަންވަރު 3:45 ގައި ކަމަށާއި އަދި އަންހެން މީހާގެ ސާންޕަލް އައިޖީއެމްއެޗްއަށް ގެންދެވިފައި ވަނީ އެ ދުވަހުގެ ފަތިހު 5:30 ގައި ކަމަށާއި އަދި އޭނާގެ މަތީޖާ ލިބުނީ އޭނާ ނިޔާވި ފަހުން ބުދަ ދުވަހުގެ ރޭ ދަންވަރު 12:00 ހާއިރު ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ އަންހެން މީހާގެ ހާލު ބޮޑުވެގެން ނޭވާލާން ދަތިވެގެން އާއިލާގެ ފަރާތުން އެންގުމުން އަންހެން މީހާ އައިޖީއެމްއެޗްއަށް ގެނައުމުގެ މަސައްކަތް ފަށީ ބުދަ ދުވަހުގެ6:16 ހާއިރު ކަމަށާއި އަދި އަންހެން މީހާ ހޮސްޕިޓަލަށް ގެންދެވުނުއިރު ނިޔާވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވި ގޮތިގައި ނިޔާވި އަންހެން މީހާއަކީ ދައިމީ ގިނަ ބަލިތަކަކަށް 2019 ވަނަ އަހަރުން ފެށިގެން ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.

