ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އިތުރު ބައެއް ގެތަކެއް ވެސް މޮނީޓަރިންގެ ހާލަތަކަށް ގެނެސްފައިވާ ކަމަށާއި އެ މީހުންގެ ސާމްޕަލްތައް ވެސް ނެގި ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޕޮޒިޓިވް ވި ފަސް މީހުންނަކީ ވެސް އެއް ތަނަކުން ފެނުނު މީހުން ކަމަށެވެ. މިއަދު އެއް ފަހަރާ އައި ކޭސްތަކުގެ ތެރޭގައި 95 ބިދޭސީއަކު ބައްޔަށް ޕޮޒިޓިވް ވިއެވެ. އަދި އެ މީހުންނަކީ، މާލޭގައި ބާރު ސްޕީޑެއްގައި ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއި ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެނައި ގެތަކެވެ. އެއީ 18 ގެއެކެވެ. ދިރިއުޅެން އެކަށީގެން ނުވާ އެ ގެތަކުގައި ތޮއްޖެހިގެން 800 އަށް ވުރެ ގިނަ ބިދޭސީން ދިރިއުޅެއެވެ.
”ސަންގު“ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ، އިތުރު ބައެއް ގެތަކެއް ވެސް މިހާރު މޮނީޓަރިންގެ ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ ގެތަކުން ވަދެ ނިކުމެ އުޅުން މަނާވާނެ ކަމުގައި ވިދާޅުވިއެވެ. އެ ގެތަކުގައި، ޖުމްލަ ކިތައް މީހުން އުޅޭނެތޯ ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ، ސީދާ އެ އަދަދު އަދި ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް، އެ މައުލޫމާތު ލިބުނުހާ އަވަހަށް ހިއްސާ ކުރާނެ ކަމަށެވެ.
”އެއީ އައިސޮލޭޝަންގައި އޮތްތަނެއް. ކުރިން ވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން އެ ތަނުން ހެދި ޓެސްޓްތަކުން 95 ކޭސްއެއް ޕޮޒިޓިވްވީ،“ މަބްރޫކް
މަބްރޫކް ވިދާޅުވީ، ހާލަތަށް ބެލުމަށްފަހު ބަލި ފެތުރިދާނެ ކަމަށް ބަލާ މޮނީޓަރިންނަށް ގެނެސްފައިވާ ގެތަކުގެ އަދަދަކީ 23 ކަމަށެވެ. އަދި އިތުރު ބައެއް ގެތަކެއް ވެސް ކުރިޔަށް އޮތް ތަނުގައި އެ އުސޫލުގެ ދަށުން މޮނީޓަރިންއަށް ލެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ އެންމެވެސް ބައްޔަށް ޓެސްޓު ކުރަމުންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މި ގެތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ، މޯލްޑިވްސް ރެޑް ކްރެސެންޓުގެ ފަރާތުންނެވެ.
މިހާ ގިނަ އަދަދެއްގެ ބަޔަށް ހުށެޅެމުންދަނީ ބާޒާރުމަތީ ކްސްލަސްޓާއާއި ގުޅިގެން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން ގުޅި، ޕޮޒިޓިވްވީ ވެސް އެ ކްލަސްޓާއާއި ކޮންޓެކްޓުވެގެންނެވެ.
ނޫސްވެރިންގެ އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބިދޭސީންގެ އެކޮމޮޑޭޝަންތަކަށް ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށެވެ. އަދި ބިދޭސީންގެ ރެންޑަމް ސާމްޕަލްތަކެއް ވެސް ނަގަމުން އަންނަ ކަމުގައި ވިދާޅުވިއެވެ.
ތޮއްޖެހިގެން ގިނަ ބިދޭސީންތައް ދިރިއުޅޭތަންތަން މޮނީޓާރ ކުރަނީ ފުލުހުންނެވެ.
މާލޭގައި ކުޑަ ކޮޓަރިތަކުގައި އެތައް ބިދޭސީންނެއް ދިރިއުޅެއެވެ. އަދި އެތަންނުގައި އެކަށީގެންވާ ސާފުތާހިރުކަމެއް ނުހުންނައިރު، އެއީ އިންސާނުން ދިރިއުޅެންވެސް ހެޔޮވާވަރުގެ ތަންތަނެއް ނޫނެވެ. މީގެ ސަބަބުން ބަލި ނުރައްކާވާ މިންވަރަކަށް ބިދޭސީންގެ މެދުގައި ފެތުރިދާނެކަމަށް ބެލެވެއެވެ. އަދި އެކަމާއި ގުޅިގެން ބައެއް ބިދޭސީން ވަނީ ރަނގަޅު ތަންތަނަށް ވަގުތީގޮތުން ބަދަލުކުރެވިފައެވެ.

