ގދ. ތިނަދޫގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގައި ތިނަދޫގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދެ ދައުވާއެއް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލައިފިއެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކޮށް ނިމިގެން ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިގެން މައްސަލަ ބަލައިގަތީ މި މަހުގެ 19ގައެވެ. ޕީޖީ އޮފީހުގެ ވެބްސައިޓްގައި މިހާރު މި މައްސަލަ އަދާހަމަކޮށްފައިވާއިރު، ސައުދުގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެ ގޮތުން:
- އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ: ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން
-
ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ: ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން
މި ދެ ކުށުގެ އަސާސީ އަދަބުގެ ޖުމުލައަކީ 2 އަަހަރާއި 1 މަސްދުވަހަށް ޖަލަށް ލުމެވެ. އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އުފުލި ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނީ ތިނަދޫ ރަށު ކައުންސިލްގެ ރައީސް މަގާމުގައި ހުރެ، ސައުދު ސޮއިކުރައްވައި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ފޮނުއްވި ސިޓީގައިވާ ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި ސައްހަކަން ކަށަވަރުނުކުރެވޭ މައުލޫމާތު ހިމަނާފައިވާ ކަމަށެވެ.
އައިޑީ ކާޑު ނަންބަރުތައް ހިމެނޭ ސައްހަ ލިސްޓެއް ހިއްސާކުރުމަށް އެލްޖީއޭން ކައުންސިލްގައި އެދުމުން ދެން ހިއްސާކުރި ލިސްޓްގައި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނާފައިވާ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އުފުލި ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނީ ސައުދު ސޮއިކުރައްވައި އެލްޖީއޭއަށް ފޮނުއްވި ލިސްޓުތައް ފުލުހުންނަށް ހިއްސާކުރުމަށް އެދުމުން އެ ކަން ކޮށްދީފައި ނުވާތީ ކަމަށެވެ. އަދި ފުލުހުންނަށް ފެކްސް މެސެޖުން، ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތުގެ އިދާރާތަކަށް ލިސްޓެއް ފޮނުވިކަން ރެކޯޑު ކުރެވިފައި ނުވާ ކަމަށް ވިދާޅުވެ ސައުދު މައުލޫމާތު ދެއްވާފައި ވާތީ ކަމަށެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ސައުދު ސައްހަ ނޫން މައުލޫމާތު ހިއްސާކުރި މައްސަލާގައި އޭނާ ވަނީ ފުލުހަށް ވެސް ހާޒިރުކޮށްފަ އެވެ. އެ މައްސަލާގައި އޭސީސީން ކައުންސިލަށް ވަދެ ލިޔެކިޔުންތައް ވެސް ގެންދިޔައެވެ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނީ 31 އޮގަސްޓް 2023ގަ އެވެ.

