މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އުމުރުން ނުވަ އަހަރުގެ ކުއްޖަކު ނިޔާވި އެކްސިޑެންޓު ހިނގަން މެދުވެރިވީ އެ ކުއްޖާ އިން ސައިކަލުން އެހެން މީހެއްގެ ގައިގައި ޖެހި ވެއްޓުނު ވަގުތު ދުއްވާފައި ދިޔަ އެހެން ކާރަކުން ކުއްޖާގެ ގައިގައި ޖެހިގެން ނުވަތަ ގައިމައްޗަށް ކާރު އަރައިގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
ހުޅުމާލެ ދޭއްގެ ވިނަރެސް ހަތެއްގެ ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގެ ސަބަބުން ހާލު ސީރިއަސްވި އުމުރުން ނުވަ އަަހަރުގެ މ. ލެމަންޓްރީ، ޒިވާ ސިނާން އަހުމަދަށް ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގައެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ސީސީޓީވީ ފޫޓޭޖުތަކަށް ބެލުމުން، އެ ހާދިސާ ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި ޕާކްކޮށްފައި އޮތް ކާރަކަށް އަރަން އެ ކާރުގެ ޑްރައިވަރު މަގު ހުރަސް ކުރި ވަގުތު ޒިވާ ފަހަތު ސީޓުގައި އިން ސައިކަލު، އެ މީހާގެ ގައިގައި ޖެހި ޒިވާ އާއި ސައިކަލު ދުއްވަން އިން އަންހެން މީހާ މަގުމައްޗަށް ވެއްޓުނު ވަގުތު އެ ލޭނުން ދިޔަ ކާރަކަށް މަޑު ނުކުރެވި، ޒިވާގެ ގައިގައި ޖެހިގެން ނުވަތަ އޭނާގެ ގައި މައްޗަށް ކާރު އަރައިގެން ކަމަށް ބެލެވޭ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، އެކްސިޑެންޓުވީ އެހެންވެތޯ ކަށަވަރު ކުރުމަށް ފޮރެންސިކް ތަހުލީލުތައް ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން އަންނަނީ ކުރަމުންނެވެ. އޭގެ އިތުރުން، އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ޓޯކޮށް، އެ އުޅަނދުތައް ދުއްވި ތިން މީހުންގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ބުނެފައިވެއެވެ.
ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މަގުގެ އެއްފަޅިއަށް މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރު އެ ކާރު ދުއްވީ އޭނާގެ ލައިސަންސް ކުރިން ވެސް ހިފަހައްޓާފައި ވަނިކޮށެވެ. އެހެންވެ، އޭނާ ޖޫރިމަނާކޮށް، ފިޔަވަޅު އަޅާފައި ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި ދެން އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ އަންހެން މީހާ އަށެވެ. އެއީ ނިޔާވި ކުޑަކުއްޖާގެ ބޮޑުދައިތައެކެވެ.
ނުރައްކާތެރި އެކްސިޑެންޓުތައް ގިނަވެފައިވާއިރު، ހުޅުމާލޭގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން ފިޔަވަޅުތަކެއް އަޅަން ފުލުހުންނާއި އެޗްޑީސީން މިދިޔަ އާދީއްތަ ދުވަހު ވަނީ މަޝްވަރާކޮށްފައެވެ.

