އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލް ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، އެފް.ޑީ.ސީގެ ”އަމާން އުދަރެސް“ އަދި ”އަމާން ދޯދި“ ޓަވަރުތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކުރުމަށާއި، އަދި އެ ޓަވަރުތަކުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން އެ ކޯޕަރޭޝަނުން މިހާރު ގެންދަނީ މަޝްވަރާކުރަމުން ކަމަށެވެ.
އެގޮތުން، ހުރިހާ ޔުނިޓުތަކެއްގައިވެސް ސަލާމަތީ އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވާއިރު، އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ޔުނިޓުތައް އިސްކޮށް، އެ ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށް ހަމްދާން ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށް ބުނެ އެ ފިޔަވަޅުތައް އަޅަން އެފްޑީސީން ނިންމާފައިވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓަވަރުތަކުގެ ބެލްކަނި އަދި ކުޑަދޮރު ފަދަ ހާމަ ތަންތަން ސަލާމަތީ ކަންކަން ވަރުގަދަކުރަން އެ ތަންތަން ބަންދުވާނެހެން ރޭލިން ހަރުކުރަން، ހުޅުމާލޭގެ މުނިސިޕަލް ކަންކަން މަތިކޮށްފައިވާ އެޗްޑީސީއަށް އަންގަން މާލޭ ސިޓީ ކައުންސިލުން އިއްޔެ ވަނީ ފާސްކޮށްފައެވެ.
ފަހަކަށް އައިސް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރެސިޑެންޝަލް ޓަވަރުތަކުން ކުޑަކުދިން ވެއްޓޭ އަދަދު އިތުރުވެފައިވާއިރު، މި ހަފްތާގެ ތެރޭގައި އަމާން އުދަރެސް ޓަވަރެއްގެ ތިންވަނަ ބުރިން އުމުރުން 16 އަހަރުގެ ކުއްޖަކު ވެއްޓި ވަނީ އަނިޔާތަކެއް ލިބިފައެވެ. މިހާރު އެ ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ. އޭގެ އިތުރުން މި ހަފްތާގައި ސްޓެލްކޯގެ ފްލެޓެއްގެ ނުވަ ވަނަ ބުރިން އުމުރުން ދެ އަހަރުގެ ކުއްޖަކު ވެއްޓި އެ ކުއްޖާ ވަނީ ނިޔާވެފައެވެ.

