ފެނަކަ އާއި އާރުޑީސީ އުވާލައި ސްޓެލްކޯ އަދި އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި ފެނަކައިގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާފައިވާ ކަމަށާއި، އެކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުންވެސް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ފެނަކަ ރަނގަޅު ކުރުމަށް ޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދިޔަ ކަމަށާއި އެހެންނަމަވެސް އެކަމަކީ ދިގު މުއްދަތައް ކުރެވޭނެ ކަމަކަށް ނުވާތީ ފަންނީ ބޭފުޅުންގެ ލަފަޔާއެކު މަސައްކަތްތައް ސްޓެލްކޯއަށް ބަދަލުކުރަން ނިންމީ ކަމަށެވެ.
ސަރުކާރުން މިކަމަށް ވަރަށް ބޮޑަށް މަޝްވަރާތައް ކުރެއްވި ކަމަށާއި އެހެންކަމުން އެއަށް ފަހު މުޅި ރާއްޖޭގައިވެސް ހިދުމަތްތައް ދެމުން ގެންދާނީ ދެން ސްޓެލްކޯއިން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އާރުޑީސީގެ މަސައްކަތްތައްވެސް އެކުންފުނި އުވާލުމަށްފަހު އެމްޓީސީސީއަށް ބަދަލުކުރަން ނިންމި ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ ކުންފުންޏަކީ މަގު ހަދާ ކުންފުންޏެއް ކަމަށާއި، އަދި އެމްޓީސީސީއަކީވެސް ހަމަ އެފަދަ ކުންފުންޏެއް ކަމަށެވެ.
”ޑުޕްލިކޭޝަން ވަރަށް ގިނަ. ހަރަދު ވަރަށް ބޮޑު. އެހެންކަމުން އެފިޝިއެންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތްތައް ޑެލިވާ ކުރުމަށް ޓަކައި މި ބަދަލު މިގެންނަނީ. އާރްޑީސީ އުވާލެވި އެމްޓީސީއާ އެއްކޮށްލެވި އެމްޓީސީސީގެ ސަރުކާރު ހިއްސާ ބޮޑު ކުރެވި ރައްޔިތުންނަށް މީގެ ފައިދާތައް ލިބިގެން ދާނެ،“
މިކަމަށް ވަރަށް ބޮޑެތި ހަރަދުތައް ހިނގާ ކަމަށާއި، އެހެންނަމަވެސް އުމްރާނީ ތަރައްގީތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެކަން ހައްލުކުރުމަށް އެ ދެ ކުންފުނި އެއްކޮށްލަނީ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އެގްރޯނެޓަކީ މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ބަދަލުކުރަން ނިންމަވާފައިވާ ކަމަށް ވެސް ރައިސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ކުންފުނިތައް އެކުވެގެން ދާއިރު، އެފިޝިއެންސީއަށް ބަލައި މުވައްޒަފުންވެސް މަދުވާނެ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަކީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ. ފެށުނީންސުރެ އެ ކުންފުންޏަކީ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވި ކުންފުންޏެވެ.
ޚާއްސަކޮށް ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި އެ ކުންފުންޏަށް ވަނީ އެތައް ހާސް މުވައްޒަފުންނެއް އިތުރަށް ވައްދައިފައެވެ. އަދި އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި އެމްޑީޕީގެ އެ ސަރުކާރުގައި ފެނަކަ ތެރެއިން ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާފައިވެއެވެ. އެކަންކަން ކުރުމުގައި އެ ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އޭރު އެ ޕާޓީގެ ޓިކެޓުގައި މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންގެ ކުންފުނިތައް ބޭނުންކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އާރުޑީސީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު އުފެއްދެވި ކުންފުންޏެކެވެ. ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމާއި ކޮރަޕްޝަންގެ މައްސަލަތަކާ ހުރެ އެ ކުންފުނި ވެސް އޮތީ މާލީ ބޮޑު ގޮންޖެހުންތަކެއްގެ ތެރޭގައެވެ.

