އަދަދު ނޫހަށް ފިޔަވަޅު އެޅި ސަބަބު ރައީސް އޮފީހުން ލިޔުމުން ނުދެނީ ކީއްވެކަން ހާމަނުކުރައްވައި، ނޫސްވެރިކަމުގެ ދާއިރާއަށް ޓަކައި އެމަނިކުފާނުގެ ސަރުކާރުން ކުރާ މަސައްކަތުގެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވައިފިއެވެ.
ގާނޫނުއަސާސީގެ 43 ވަނަ މާއްދާގައި އޮންނަ ގޮތުން ދައުލަތުގެ އިދާރާއަކުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް އަންނަ ނަމަ ނުވަތަ އުނިކަމެއް އަންނަ ކަމަށް ގަބޫލުކުރެވޭނަމަ އެ ފަރާތަކުން އެދުމުން އެ ނިންމުމެއް ނިންމި ސަބަބު ލިޔުމުން ދޭންވާނެއެވެ. ނަމަވެސް، ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މީގެ ކުރިން މީޑިއާތަކަށް ވިދާޅުވެފައިވަނީ އަދަދަށް ފިޔަވަޅު އެޅިކަމުގެ ލިޔުން ދޭންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް ވަނުން އަދަދު ނޫހަށް މަނާކޮށްފައިވާއިރު، އެ ނިންމުން ނިންމި ސަބަބު ލިޔުމުން ދިނުމަށް އަދަދު ނޫހުން ތަކުރާރުކޮށް އެދުމުން ވެސް ރައީސް އޮފީހުން އަދަދުގެ ސިޓީތަކަށް ޖަވާބު ދީފައި ނުވާތީ، އެކަމާ ގުޅިގެން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ”ސަންގުން“ ސުވާލުކުރުމުން ރައީސް ވަނީ އެ ސުވާލަށް ޖަވާބު ނުދެއްވައި، މި ސަރުކާރުން ނޫސްވެރިކަމުގެ ދާއިރާއަށް ޓަކައި ކޮށްދޭ ކަންކަމުގެ ވާހަކަ ދައްކަވައިފައެވެ. އެގޮތުން ރައީސް ދެއްވީ މީޑިއާ ވިލެޖާއި އަދި ނޫސްވެރިންނަށް ހިންގާ ކޯސްތަކާއި ގުޅޭ މައުލޫމާތުތަކަކެވެ.
އެހެން މީޑިއާތަކަށް ފޮލޯއަޕް ސުވާލުކުރަން ފުރުސަތު ދިން ނަމަވެސް، ”ސަންގުން“ އެއްފަހަރާ ދެ ސުވާލުކޮށްފައިވާ ކަމަށް ބުނެ އެކަމާ ގުޅޭގޮތުން އިތުރު ސުވާލެއް ކުރުމުގެ ފުރުސަތު ވެސް ދީފައި ނުވެއެވެ. އަދަދަށް ލިޔުން ނުދޭ ސަބަބާ ގުޅިގެން އެއްޗެއް ވިދާޅުނުވިނަމަވެސް، ރައީސް ވިދާޅުވީ، ޖަވާބު ދެއްވީ ކުރެއްވި ސުވާލަށް ކަމަށެވެ.
އަދަދު ނޫހާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ނުދެއްވައި، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަށް ވަކިވަކި މީޑިއާތަކަށް ދައުވަތު ދީ ބައެއް މީޑިއާތަކަށް ދައުވަތު ނުދިން ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުމަށް ދައުވަތު އަރުވަނީ އެމަނިކުފާނު ނޫން ކަމަށާއި އަދި ދައުވަތު ދޭންވީ ފަރާތްތަކެއް ކަނޑައަޅުއްވަނީ އެމަނިކުފާނު ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ރައީސް އޮފީހުގެ ކަމާއި ގުޅޭ ސެކްޝަނުން ކަމާ ގުޅުންހުރި ޖަވާބު ދެއްވާނެ ކަމަށެވެ.
ރައީސް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ވަކި އުސޫލެއް ގާއިމްކޮށްފައިވާ ކަމަށާއި އެހެންކަމުން އެ އުސޫލާ އެއްގޮތަށް ރައީސް އޮފީހުން މަސައްކަތް ކުރައްވާނެ ކަމަށާއި މި ސަރުކާރުހާ ނޫސްވެރިންނާ ގާތުން މަސައްކަތް ކުރާ ސަރުކާރެއް އަދި ނާންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މައުލޫއަށް އެހެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރުން ހުރިހާ ކަމެއްވެސް ކުރަނީ ގާނޫނާއި އެއްގޮތަށް ކަމަށެވެ. ގާނޫނުއަސާސީއާއި ހިލާފަށް ކުރި އެއްވެސް ކަމެއް ނޫސްވެރިންނަށްވެސް ފާހަގަނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އެހެން ނޫސްވެރިންގެ ބައްދަލުވުންތަކާ ހިލާފަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ ރައީސް އޮފީހުން އިހްތިޔާރުކުރި ވަކިވަކި މީޑިއާތަކަކަށް ދައުވަތު ދީގެންނެވެ.

