ތިން މީހަކު ހައްޔަރުކުރި އެޕާޓްމެންޓުގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ވާ މެތެމްފެޓަމިންގެ 372 ގްރާމް ފެނުނުކަން ހާމަވެއްޖެއެވެ.
މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކޮށް ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މި މަހު 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ފުލުހުން ހައްޔަރުކުރީ، ކ. ހުރާ، ސާނީވިލާ، ޙުސައިން ޝާވިން (26އ) އާއި ތ. ތިމަރަފުށި، ވިލާ، މަރްޔަމް ޢިޝާ އަޝްރަފް (21އ) އާއި، ސ. ހުޅުދޫ، ރޭޝަމް، މުޙައްމަދު ނާހިލް (25އ) އެވެ.
އެ މީހުންގެ ތެރެއިން ނާހިލްގެ ބަންދަށް 5 ދުވަސް މީގެ ކުރިން ދީފައިވާއިރު، ބަންދުގެ މުއްދަތު ހަމަވާތީ ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި އޭނާގެ ބަންދަށް ވަނީ އިތުރު 10 ދުވަސް ދީފައެވެ.
އެ ބަންދު އަމުރުގައިވާ ގޮތުން ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ވަނީ އެ އެޕާޓްމެންޓަކީ އޭނާގެ ރައްޓެއްސަކު ބުނެގެން ކުށްޔަށް ހިފި ތަނެއް ކަމަށް ބުނެފައެވެ. އަދި އޭނާ ދިން ”ނުވަ ދަޅާއި މެތުކޮޅެއް އެތަނުގައި ހުންނާނެ ކަމަށް“ ފުލުހުން ގާތުގައި ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، އެ އެޕާޓްމެންޓް ބަލައިފާސްކުރުމުން އެޕާޓްމެންޓުގެ އެކި ތަންތަނުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވެއެވެ. އަދި މަސްތުވާތަކެތި އަޅާފައި ހުރި ވޭޕް ކާޓްރިޖާއި، މަސްތުވާތަކެތި ކުދިކޮށް ބަންދުކުރަން ގެންގުޅޭ ޒާތުގެ އާލާތްތައް ފެނިފައިވާ ކަމަށް ބުނެފައިވެއެވެ.
އެގޮތުން 372 ގްރާމުގެ މެތާއި، 225 ގްރާމުގެ ހެރޮއިން އަދި، 3992 ގްރާމްގެ ކެނަބިސް އެ އެޕާޓްމެންޓުން ފެނިފައިވެއެވެ. މަސްތުވާތެކެތި ޓްރެފިކް ކުރުމުގެ ދައުވާކުރެވޭ މިންވަރަށް އެ ތަކެތީގެ ބަރުދަން ފެތޭއިރު، އެއީ ސާބިތުވެއްޖެނަމަ 25 އަހަރުގެ ހުކުމެއް އަންނަ ވަރުގެ ދައުވާއެކެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ، އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، މާފަންނު ގެއެއް ބަލައިފާސްކުރިއިރު 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި، މަސްތުވާތަކެތި އެކުލެވިގެންވާ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވަރ އަދި ބަނގުރާ ފުޅިއެއް ފެނުނު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙުސައިން ޝާވިންއާއި، ޢިޝާ އަޝްރަފް 15 ދުވަހަށް ބަންދުކުރަން މީގެ ކުރިން ވަނީ ނިންމައިފައެވެ.

