ސަރުކާރު ހިންގުމުގެ އިސް ސަފުގައި ތިއްބެވި ވެރިންގެ އަސްލު ހަގީގަތް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވުރެ ބޮޑަށް އެނގިވަޑައިގަންނަވާނެ އެހެން އެއްވެސް ބޭފުޅަކު މި ގައުމުގައި ނުހުންނަވާނެ ކަމަށާއި، މި ސަރުކާރުގެ ވެރިން ވެރިކަމަށް ވަޑައިގަތީ އެމަނިކުފާނުގެ އަރިހުގައި ތިބެ ނަން ބޭނުންކޮށްގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޮސްޓާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭނުގައި ވެސް އެ ބޭފުޅުންގެ އަމިއްލަ ފޮޓޯއަށް ވުރެ ބޮޑަށް ބޭނުންކުރީ ރައީސް ޔާމީނުގެ ފޮޓޯފުޅު ކަމަށެވެ. އަދި ކެމްޕޭނު ޖަލްސާތަކުގައި ވެސް ކެންޑިޑޭޓުގެ ނަމަށް ވުރެ ގިނައިން ގޮވީ ރައީސް ޔާމީނުގެ ނަންފުޅުކަމަށާއި، ވެރިކަން ލިބުނީ އެމަނިކުފާނުގެ މަގުބޫލުކަމުގެ ސަބަބުންކަމަށް މޮސްޓާ ވިދާޅުވި އެވެ.
ޕީއެންސީ އުފެދިގެން އައި ގޮތުގެ ތަފްސީލު ހާމަކުރައްވަމުން މޮސްޓާ ވިދާޅުވީ، ޕީއެންސީއަކީ 2018 ވަނަ އަހަރުގެ ފަހުކޮޅު، ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރު އޮތުމުން ރައީސް ޔާމީނުގެ އިރުޝާދުގެ ދަށުން ބެކަޕް ޕްލޭނެއްގެ ގޮތުގައި އުފެއްދި ޕާޓީއެއް ކަމަށެވެ. އަދި ރިޔާސީ ޓިކެޓު ވެސް އޮތީ ރައީސް ޔާމީނަށް އަރުވާފައިކަމަށާއި، ރައީސް މުއިއްޒު ޕީއެންސީއާ ގުޅިވަޑައިގަތީ މާ ފަހުން، 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައިކަމަށް ވިދާޅުވިއެވެ.
މަޖިލީހުގައި މީގެ ކުރިން މިނިވަން މެންބަރެއްގެ ގޮތުގައި އިންނެވި ނަމަވެސް، ޕީއެންސީގެ އާންމު މެންބަރެއްގެ ހައިސިއްޔަތުން ޕާޓީގެ ހުރިހާ ހަރަކާތްތަކެއްގައި އޭނާ މަސައްކަތް ކުރިކަމަށް މޮސްޓާ ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީން ޖަލުގައި ހުންނެވި ދުވަސްވަރު ކުރި މުޒާހަރާތަކާއި، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ފަދަ ސިޔާސީ ހަރަކާތްތަކުގައި ޕާޓީގެ އިސް ސަފުގައި އުޅުއްވި ބޭފުޅުން ވަރަށް ގާތުން ފެނުނުކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް، ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އަދި ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ފަދަ ބޭފުޅުން ހިމެނޭކަމަށް މޮސްޓާ ވިދާޅުވި އެވެ.
2013 ވަނަ އަހަރުގެ ކެމްޕޭނު ތެރޭގައި އިންނަމާދޫގައި ޖަގަހައެއް ހަދަންވެގެން ފަލާހު 25،000 ރުފިޔާ ހޯދަން އައިސްގެން އުޅުނު މަންޒަރު ވެސް އަޅުގަނޑަށް ފެނުނު. މިއަދު މިލިއަނަރަކަށް ވެފައި ހުއްޓަސް މިއީ ހަގީގަތް، މިކަމަށް ހެކިވާނެ މީހުން ވެސް ތިބޭނެ
މޮސްޓާ އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، ވެރިކަން ލިބުމާ އެކު އެބޭފުޅުން މަސައްކަތް ކުރެއްވީ ޕާޓީން ރައީސް ޔާމީނުގެ ބާރުތައް ކަނޑުވާލައި، ”ފިޔަކޮށާފައި އިންނަ ދޫންޏެއް ކުޑަ ކޮއްޓަކަށް ލައި ބައިންދާ އުސޫލުން“ އެމަނިކުފާނު އެއްކަހެރިކޮށް ބާކީކޮށްލުމަށެވެ. އަދި ރައީސް ޔާމީން ޕާޓީ ދޫކުރައްވައި، އައު ޕާޓީއެއް އުފައްދަވަން ޖެހިވަޑައިގަތީ އެ ސަބަބާ ހުރެކަމަށާއި، ޣިޔާސުއްދީން ސްކޫލުގައި ބޭއްވި އެ ޕާޓީގެ ފުރަތަމަ ޖަލްސާއިން ފެށިގެން މިއަދާ ހަމައަށް ވެސް މި ސަރުކާރުން އެކި ގޮތްގޮތުން ހުރަސްއަޅައި ދަތިކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، 2008 ވަނަ އަހަރު ފެހި ޤާނޫނުއަސާސީ އައުމަށްފަހު ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުން ހައްޔަރުކޮށް ޝަރީއަތް ހިންގުމުން ފިއްލެވި ނަމަވެސް، ޖަލު ހުކުމްތަކާއި ފުލުހުންގެ ތަހުގީގުތަކަށް ފިއްލަވާވަޑައިނުގެން ސާބިތުކަމާއެކު ހުންނެވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށް މޮސްޓާ ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ އަގު ވައްޓާލުމަށްޓަކައި ސަރުކާރުން މީޑިއާތަކަށް ފައިސާ ދީގެން، ނުފޫޒު ފޯރުވައިގެން ހަބަރު ފަތުރަމުންދާ ކަމަށާއި، ރާއްޖޭގެ މީޑިއާތަކުގެ މިނިވަންކަން މިއަދު ގެއްލިފައިވާކަމަށް ވެސް މޮސްޓާ ވިދާޅުވިއެވެ. އަދި ވަކިވަކި މީޑިއާތަކުން ރައީސް ޔާމީނަށް ބިރުން އުޅޭކަމަށް ދައްކަން މަސައްކަތް ކުރި ނަމަވެސް، ރައީސް ޔާމީނަކީ ކޮންމެ ކަމަކާވެސް ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ، މި ގައުމުގައި ވެރިކަން ކުރެއްވި އެންމެ ”ގަޓު“ ރައީސްކަމަށް ވިދާޅުވެ މޮސްޓާ ވިދާޅުވި އެވެ.

