އަންނަ އޮކްޓޯބަރު 1 އިން 3 އަށް އެމްޑީޕީގެ ކޮންގްރެސް މާލޭ ސިޓީ ކައުންސިލްގެ ހޯލްގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން މާލީ، މުހައްމަދު ޝިފާޒް ވިދާޅުވީ، މި މަހުގެ 19، 20 އަދި 21 ގައި ކޮންގްރެސް ބާއްވަން ކުރިން މަސައްކަތް ކުރި ނަމަވެސް، ކޮންގްރެސް ނުބޭއްވުނީ ބާއްވާނެ ތަނެއް ސަރުކާރުން ހަމަޖައްސައިނުދިނުމުގެ ސަބަބުން ކަމަށެވެ.
އެހެންނަމަވެސް، އަންނަ އޮކްޓޯބަރު 1 އިން 3 އަށް މާލޭ ސިޓީ ހޯލްގައި ކޮންގްރެސް ކުރިއަށް ގެންދާނެ ކަމަށާއި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މަންދޫން ކަނޑައެޅުމާއި މުޅި ޑެލިގޭޝަންގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ މެމްބަރުން ތަމްސީލުކުރަމުން އަންނަ ކައުންސިލުތަކުގެ އެދުމުގެ މަތިން، މިފަހަރުގެ ކޮންގްރެސްގައި އިންވެސްޓްމެންޓް ފޯރަމަކަށް އެއް ސެޝަން ހާއްސަކުރާނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ. އެގޮތުން ކައުންސިލްތަކުން އެ ރަށެއްގައި ކުރިއަށް ގެންދާނެ މަޝްރޫއުތައް ކަނޑައަޅައި އެ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދައި ޕާޓީ މެދުވެރުކޮށް އެ މަޝްރޫއުތައް ހިންގޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
އެގޮތުން އެކިއެކި ކައުންސިލްތަކުން 74 މަޝްރޫއު މިވަގުތު ވެސް ހުށަހަޅާފައިވާ ކަމަށާއި 100 އަށް ވުރެ ގިނަ މަޝްރޫއު އިންވެސްޓްމެންޓް ފޯރަމްގައި ހިއްސާކުރިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިންވެސްޓެމެންޓް ފޯރަމްގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ބައިވެރިވުން ވެސް ލިބޭނެ ގޮތަށް ކަންކަން އިންތިޒާމުކުރެވޭނެ ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވި ގޮތުގައި މިފަހަރު ކޮންގްރެސްގެ ޝިއާރަކަށް ހަމަޖައްސާފައިވަނީ ”ރަށްވެހި އުފެއްދުން“ އެވެ.
ކޮންގްރެސް ލަސްވުމާ ގުޅިގެން މި މަހުގެ 20 އާ ހަމައަށް އުފައްދައި ފުރިހަމަވާ ޕާޓީގެ ގޮފިތަކަށް ވެސް ކޮންގްރެސްގައި ބައިވެރިވެވޭނެ ކަމަށް ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ނިންމަވާފައިވާ ކަމަށް ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވިއެވެ. އަދި މި މަހުގެ 30 އިން ފެށިގެން ކޮންގްރެސްގައި ރަޖިސްޓްރީވާން ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ކޮންގްރެސްއަކީ ރާއްޖޭގައި އެފަދަ އެންމެ ބޮޑު ބައްދަލުވުމަށް ވާއިރު، އެ ކޮންގްރެސްގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް ޖާގަ ލިބޭ ތަނެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، އެވަރުގެ ތަނެއް ސަރުކާރުން ދޫނުކޮށްދީފައި ނުވެއެވެ. އެގޮތުން ސޯޝަލް ސެންޓަރާއި ހެންވޭރު ދަނޑާއި ހުޅުމާލޭ ސެންޓްރަލް ޕާކު ވެސް ދޭން ދެކޮޅު ހެދި ކަމަށް ބުނެފައިވެއެވެ.
އެ ކޮންގްރެސްގައި 1000އަށް ވުރެ ގިނަ މީހުން ބައިވެރިވާން ހަމަޖެހިފައިވާއިރު، މާލޭ ސިޓީ ހޯލަށް އެ އެންމެން ވެއްދުމަކީ ވެސް ދަތިކަމަކަށް ވާނެ ކަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ. އެހެންނަމަވެސް، އެއް ހޯލަށް ނުވިޔަސް، ހުރިހާ އެންްމެނަށް ވެސް ފުރުސަތު ދެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަހަރު ސަރުކާރުން ތަނެއް ދޫނުކުރުމުން، ދިމާވެފައިވާ ދަތިތަކުގެ ސަބަބުން އިންތިޒާމުތައް އެންމެ ފުރިހަމަ ނުވެދާނެތީ އެކަމަށް ޓަކައި އޭނާ މައާފަށް އެދިވަޑައިގަތެވެ.

