ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓުންއިން ހާމަކޮށްފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅިގެން ރާއްޖެ ސަރަޙައްދުގައި ގިނަ އަދަދަކަށް ވިއްސާރަ ވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އެގޮތުން މިމަހުގެ 11، 12 އަދި 13ވަނަ ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށްވެސް ފާހަގަކޮށްފަވެއެވެ.
އޭގެ އިތުރުން އާންމު ވައިޖެހޭނެކަމަށް ލަފާކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް ހުޅަނގާއި، ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 22 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ލަފާކޮށްފައިވެއެވެ. މީގެ އިތުރުން ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، އަދި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމާއިބެހޭ އެންމެ ފަހުގެ މަޢުލޫމާތު އަދާހަމަކުރުމަށާއި، މޫސުމަށް ސަމާލުވެލެއްވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

