ސައުދި އަރަބިއްޔާގެ މައްކާގައި އުމްރާގެ އަޅުކަން އަދާކުރަމުންދާ ދިވެހިންނަށް ނުރައްކަލެއް ނެތް ކަމަށާއި، އެންމެންގެވެސް ހާލު ރަނގަޅު ކަމަށް އިސްލާމީ ކަންތައްތަކައި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މައްކާގައި ތިބި ދިވެހިންގެ ހާލު ބެއްލެވުމަށް ފަހު އިސްލާމިކް މިނިސްޓްރީން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޝަހީމް ވިދާޅުވީ، މައްކާގައި މިވަގުތު ތިބި ހުރިހާ ދިވެހި އުމްރާވެރިންގެ ހާލު ވެސް ރަނގަޅު ކަމަށާއި އެއްވެސް ނުރައްކަލެއް ކުރިމަތިވެފައި ނުވާކަމަށެވެ.
ހޫތީންގެ ހަމަލާތަކާއި ގުޅިގެން ސައުދީ އަރަބިއްޔާ އިން ވަނީ މައްކާގެ އިތުރުން ޖިއްދާ އަދި ތައިފް ސަރަހައްދަށް ހަމަލާ ދީފާނެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް މިހާރު ވަނީ މައްކާ އާއި ޖިއްދާއަށް ނެރުނު އިންޒާރު އުވާލާފައެވެ.
މިއީ މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން މައްކާގެ ސަރަޙައްދަށް މިފަދަ އިންޒާރެއް ނެރުނު ފުރަތަމަ ފަހަރެވެ. ސައޫދީގެ މަދަނީ ދިފާއުން ފަހުން ވަނީ އެ ސަރަޙައްދުތަކަށް އެޅި ރައްކާތެރިކަމުގެ ކުއްލި ފިޔަވަޅުތައް ނިމުމަކަށް އައިސްފައިވާކަން ކަށަވަރުކޮށްދީފައެވެ.

