ޕީއެންސީގެ މެމްބަރުން އަމާޒު ހިފަންވީ 2023ގެ ރިޔާސީ އިންތިހާބަށް ވުރެ ފަސޭހައިން 2028ގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދެއްވުމަށް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ މެމްބަރުން އެ ޕާޓީއާ ގުޅުނު ސަބަބަކީ ޕާޓީން އަބަދުވެސް ދިވެހި ޤައުމު އިސްކުރާތީ ކަމަށެވެ. ޕީއެންސީގެ ޝިއާރަކީ އެންމެ ފުރަތަމަ ޤައުމުކަމަށް ވީހިނދު އެ ޕާޓީއަށް އެންމެ މުހިންމީ ދިވެހި ރައްޔިތުންކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި ކޮންގްރެސް ޕާޓީގެ ދިދަ އުފުއްލަވަން ހުންނެވި ލީޑަރަކީ ދިވެހި ވަތަނީ ލީޑަރެއްކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ޕާޓީ ކުރިއަށް މިދަނީ ޤައުމު އިސްކޮށްގެން. އަޅުގަނޑުމެންގެ ކުރިމަތީގައި އެންމެ މުހިންމީ ދިވެހީން. އަޅުގަނޑުމެންގެ ޕާޓީ ކުރިއަށް މިދަނީ އެންމެ ފުރަތަމަ ޤައުމު މި ޝިއާރުގެ ދަށުން. އަދި އެއާއެކު މިއަދު ކޮންގްރެސް ޕާޓީގެ ފަހުރުވެރި ދިދަ އުފުލަން ހުންނެވީ ދިވެހި ވަތަނީ ލީޑަރެއް. އެ ލީޑަރު ބުނެދެނީ ކޮންމެ ވިންދަކީ ކީރިތި މި ބިމުގެ ކަރާމާތްކަމަށް. ކޮންމެ ވެލިފުށަކީ ދިވެހި ހުރިހާ ދަރިންގެ އަމާނަތެއްކަމަށް ވިދާޅުވީމާ ދިވެހީން އެ ދިދައިގެ ދަށަށް ވަނީމަ އޭގެ ނަތީޖާއަކީ 80،000 ހަމައަށް ޕާޓީގެ މެމްބަރުންގެ އަދަދު އައުން“ އަބްދުއްރަހީމް
ޕާޓީގެ ފުރަތަމަ މަތީ މަޖިލިސް ބޭއްވީ 3،000 މެންބަރުންނާއެކު ކަމަށާއި ނަމަވެސް، ދެވަނަ މަތީ މަޖިލިސް ބޭއްވިގެންދާއިރު ޕާޓީގައި ގާތްގަނޑަކަށް 80،000 މެންބަރުން އެބަތިބި ކަމަށާއި، މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ބޮޑު ކުރިއެރުމެއް ލިބުނީ ކޮންގްރެސް ޕާޓީގެ ދިދަ އުފުއްލަވަން ހުންނެވި ވަތަނީ ލީޑަރ ރައީސް ޑރ. މުއިއްޒުގެ ސަބަބުންކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ޕާޓީއަކުން ބާއްވާ އެންމެ ބޮޑު މަތީ މަޖިލީހުގެ ޖަލްސާކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އަމާޒަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރި ވަރަށް ވުރެ ފަސޭހައިން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުން ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.
”އަޅުގަނޑުމެން އަމާޒު ހިފަންވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރި ގޮތަށްވުރެ ފަސޭހައިން ﷲގެ ތަނަވަސް ރަޙްމަތްފުޅާއެކު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުމަށް،“
އަބްދުއްރަހީމް ވިދާޅުވީ، ދިވެހި ރައްޔިތުން ފުދުންތެރި ބަޔަކަށް ހަދައި ގައުމަށް ބޭނުންވާ ތަރައްގީ ގެނެވޭނީ ރައީސަށް މަދުވެގެން 10 އަހަރު ދީގެން ކަމަށެވެ. އަދި ޕާޓީގެ ކޮންގްރެސް ނިންމާފައި ޕާޓީގެ މެމްބަރުން ދާންވާނީ ރިޔާސީ އިންތިހާބު ރައީސް މުއިއްޒަށް ކާމިޔާބުކޮށްދެއްވުމަށް ކަމަރު ބަނދެގެން ކަމަށް ވިދާޅުވިއެވެ.

