ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި އިތުރު ހިތްވަރާއި ޖޯޝާއި އަޒުމާއެކު ވަރުބަލިކަމެއް ނެތި މަސައްކަތް ކުރާނީ 2028 ގައިވެސް ޕީއެންސީގެ ވެރިކަމެއް ގާއިމުކޮށް ދިވެހި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަން ހޯދައިދިނުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު ވަނީ ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވުމާއި ގުޅިގެން އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. ސައީދުގެ ޕޯސްޓުގައި ވަނީ ޕީއެންސީގެ ނައިބު ރައީސްކަމުގައި ޕާޓީއަށް ހިދުމަތް ކުރުމަށް ދެވަނަ ދައުރަކަށް އިންތިހާބު ކޮށްދެއްވައި، ޕާޓީގެ މެންބަރުން ދެމެހެއްޓެވި އިތުބާރަށް ޝުކުރު ދަންނަވާފައެވެ.
”ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި އިތުރު ހިތްވަރާއި ޖޯޝާއި އަޒުމާއެކު ވަރުބަލިކަމެއް ނެތި އަޅުގަނޑު މަސައްކަތް ކުރާނީ 2028ގައި ވެސް ޕީއެންސީގެ ވެރިކަމެއް ގާއިމުކޮށް ދިވެހި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަން ހޯދައިދިނުމަށް،“ ސައީދު
ޕީއެންސީއަށް ހަ ނައިބު ރައީސުން މިއަދު އިންތިހާބުކޮށްފައިވާއިރު ނައިބު ރައީސްކަމަށް އަށް ބޭފުޅުން ކުރިމަތިލެއްވިއެވެ. އޭގެ ތެރެއިން ހޮވުނު ބޭފުޅުންނަކީ:
- ސްޕޯޓްސް މިނިސްޓަރު – އަބްދުﷲ ރާފިއު
- ފިޝަރީޒް މިނިސްޓަރު – އަހުމަދު ޝިޔާމް
- ނިލަންދޫ ދާއިރާގެ މެމްބަރު – ފާތިމަތު ސައުދާ
- ބާރަށު ދާއިރާގެ މެމްބަރު – އިބްރާހިމް ޝުޖާއު
- އިކޮނޮމިކް މިނިސްޓަރު – މުހައްމަދު ސައީދު
- މުހައްމަދު ހުސެއިން ޝަރީފް – ސަރުކާރުގެ އިސް ތަރުޖަމާނު
މިއަދުގެ އިންތިހާބުގައި އެންމެ ގިނަ ވޯޓް ލިބިވަޑައިގެންނެވީ ޔޫތު މިނިސްޓަރު ރާފިއުއަށެވެ. ރާފިއުއަށް 968 ވޯޓު ލިބިވަޑައިގަތެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ޝިޔާމަށެވެ. އޭނާއަށް 964 ވޯޓު ލިބިވަޑައިގަތެވެ. ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ސައުދާއަށެވެ. އޭނާއަށް 923 ވޯޓު ލިބިވަޑައިގަތެވެ. އޭގެ އިތުރުން، ޝުޖާއުއަށް 862 ވޯޓު، ސައީދުއަށް 833 ވޯޓު، އަދި މުންދުއަށް 780 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.
އެ އިންތިހާބު ކާމިޔާބުނުވި ދެ ބޭފުޅުން ކަމަށްވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ ނިމާލަށް 301 ވޯޓު ލިބިވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދަަށް 228 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.
މާލެ އާއި ރާއްޖޭގެ އެކިކަންކޮޅުތަކުން 1،300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މަތީ މަޖިލިސް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

