ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ބައްދަލުވުމަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޕީއެންސީގެ ސެނެޓުން އެ ޕާޓީގެ ނައިބު ރައީސުން ހޮވުމަށް ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.
މުންދު ވިދާޅުވީ، ޕީއެންސީން ބާއްވާ މަތީ މަޖިލީހަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި މިހާތަނަށް ބޭއްވޭ އެންމެ ތަފާތު އަދި ފާހަގަކޮށްލެވޭ އެއް ބައްދަލުވުމެވެ. އަދި މިއީ ވަރަށް މުހިންމު މަސައްކަތެއްގެ ފެށުން ކަމަށާއި 2028ގެ ރިޔާސީ އިންތިހާބަށް ޕާޓީ ދެމެހެއްޓުމަށް ކުރެވޭ މުހިންމު ބައްދަލުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރީގެ ތަޖުރިބާއިން ފިލާވަޅުތަކެއް ނަގައިގެން ކުރިއަށް އޮތް ތަނުގައި ޕާޓީ ވަރުގަދަކުރާނެ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ސިޔާސީ ޕާޓީތަކުގެ ތަޖުރިބާއާއި ހިކުމަތްތައް ދެނެގަނެ ކުރިއަށް އޮތް ތަނުގައި 2028 ވަނަ އަހަރު ރައީސް ޑރ. މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ޕާޓީގެ ނައިބު ރައީސެއްގެ ހައިސިއްޔަތުން އޮތް އެންމެ އިސް ޒިންމާއަކީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޕާޓީއަށް ކާމިޔާބުކޮށްދިނުން ކަމަށް މުންދު ވިދާޅުވިއެވެ. އެގޮތުން ކުރަންޖެހޭ އެންމެ ފުރަތަމަ މަސައްކަތަކީ، އާންމު މެންބަރުންގެ ހިޔާލާއި މަޝްވަރާގެ މަތިން ލީޑަރޝިޕް ގުޅިގެން ވަރުގަދަ ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވައިލުން ކަމަށް ވިދާޅުވިއެވެ.
މުންދު ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދިނުމަށް ޓަކައި އެންމެހާ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

