ރައްޔިތުންނަށް ބިރު ދައްކަން އިދިކޮޅު ފަރާތްތަކުން އާ މައުޟޫއެއް ހޯއްދެވުން ބުއްދިވެރިވާނެކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު މިހެން ވިދާޅުވެފައި މިވަނީ، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު 50 މިލިއަން ޑޮލަރު ދެއްކުމުން، އެމްއެމްއޭގެ ޔޫޒަބަލް ރިޒާވް ވަރަށް ބޮޑަށް ދަށަށް ދާނެ ކަމަށާއި، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި ހަރަދުތައް ދެކޮޅު ޖައްސަން ބޭރު ފައިސާ ނުހުންނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި މުންދު ވިދާޅުވެފައިވަނީ، ރައީސް ނަޝީދާއި، ރާއްޖެ ޑިފޯލްޓް ވޭތޯ ދުއާކުރަމުންދިޔަ އެންމެނަށް ކުޑަ މެސެޖެއް އެބަ އޮތް ކަމަށެވެ.
އެގޮތުން، އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވެފައިވަނީ، އެ ފަރާތްތަކުން ރައްޔިތުންގެ ބޮލުގައި އެޅުވި ދަރަނި، އިތުރު ދަރަންޏެއް ނުނަގައި ދައްކާފައިވާނެ ކަމަށެވެ. އަދި ތެޔޮ ގަންނަން ވެސް ފައިސާ އެބަ ހުރި ކަމަށާއި، އަސާސީ ކާބޯތަކެތި ވެސް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން، ވެރިކަމުން ފޭބިއިރު ޔޫސަބަލް ރިޒާވްގައި އެންމެ ދެ މިލިއަން ޑޮލަރު ބެހެއްޓި ބަޔަކު ޔޫޒަބަލް ރިޒާވްގެ ވާހަކަ ދެއްކުން މުނާސަބެއް ނޫން ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ބިރުދައްކަން އާ މައުޟޫއެއް ހޯދުން ދެން ބުއްދިވެރިވާނެ ކަމަށެވެ.
150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު 50 މިލިއަން ޑޮލަރުގެ އިންސްޓޯލްމަންޓް ދައްކައި ހަލާސްކުރިކަން އިއުލާނުކުރީ ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއެވެ. އެ ދަރަނި ދައްކައި ނިންމާފައި ވަނީ މި އަހަރުގެ ތެރޭގައި ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން، މި އަހަރުގެ ޖެނުއަރީ މަހުގައި 50 މިލިއަން ޑޮލަރު ދައްކާފައިވާއިރު، މެއި މަހުގެ 11 ވަނަ ދުވަހު ވަނީ އިތުރު 50 މިލިއަން ޑޮލަރު ދައްކާފައެވެ. އަދި ބާކީ އޮތް އެންމެ ފަހު 50 މިލިއަން ޑޮލަރު މިއަދު ދެއްކުމާއެކު އެ ލޯނު ވަނީ ދައްކައި ނިމިފައެވެ.
ބާކީ އޮތް 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދިނުމަށް ދިވެހި ސަރުކާރުން އެދުނު ނަމަވެސް، ރާއްޖޭގެ ޚާރިޖީ ސިޔާސަތު އިންޑިއާއާ ރަހްމަތްތެރިކޮށް ބައްޓަންކުރަމުން ނުދާތީ، ”ރޯލްއޯވަރ މަޝްވަރާ“ތަކުގައި އިންޑިއާއިން ވަނީ ނުރުހުން ފާޅުކޮށް، މުއްދަތު އިތުރުނުކޮށްދޭން ނިންމައިފައެވެ.

