ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާއިރު، އެއްވެސް މުވައްޒަފަކަށް މިހާރު ލިބެމުންދާ މުސާރަ ކުޑަވެގެން ނުދާނެކަމަށާއި މުސާރަ ބޮޑުނުވާ މުވައްޒަފުންގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ އަޑުގެ ހަ ވަނަ އެޕިސޯޑްގައި ބައިވެރިވި އައިޖީއެމްއެޗްގައި މަސައްކަތް ކުރާ އަންހެނަކު ވަނީ އޭނާ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާތާ 31 އަހަރު ވެފައިވާއިރު މިފަހަރު ބަދަލުކުރި މުސާރައިގެ އޮނިގަނޑާއެކު މުސާރައަށް ބޮޑުނުވާ މައްސަލަ ރައީސް ޑރ. މުއިއްޒުއާއި ހިއްސާ ކޮށްފައެވެ.
ރައީސް ވިދާޅުވީ، ޕޭ ފްރޭމްވޯކް ތަންފީޒުކުރުމުގެ ސަބަބުން އެއްވެސް މުވައްޒަފެއްގެ މުސާރައަށް އުނިކަމެއް އައިސްގެން ނުވާނެ ކަމަށެވެ. އަދި ސަރުކާރުގެ މައިގަނޑު އަމާޒަކީ މުވައްޒަފުންނަށް ގެއަށް ގެންދަން ލިބޭ އެއްޗެއް ކުރިއަށްވުރެ ބޮޑުކޮށްދިނުން ކަމަށާއި، މިފަދަ މައްސަލަތައް ކުރިމަތިވެފައިވާ ހުރިހާ މުވައްޒަފުންނަށް އެކަމުގެ ހައްލު ހޯދައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އަޅުގަނޑު ޕޭ ކޮމިޝަނުގައިވެސް ދެންނެވިން މުވައްޒަފަކު ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެއޭ. އެހެންވީމަ އަދިވެސް އެއްފަހަރު ޗެކް ކުރާނަނަށް. އަޅުގަނޑު ބޭނުން ހަމަ ހުރިހާ މުވައްޒަފުންނަށް ގެއަށް ގެންދަން ލިބޭ އެއްޗެއް ކުރިއަށްވުރެ ބޮޑުވާން، އެއީ އޭގެ މަޤްސަދަކީ ވެސް ވަޢުދުވީ ގޮތަކީ ވެސް، އެހެންވީމާ އެގޮތަށް ހައްލުނުވެ ތިބި ހުރިހާ އެންމެންނަށް އެ މައްސަލަ ހައްލުކުރަން ފިނޭސް މިނިސްޓްރީ އަދި ޕޭ ކޮމިޝަންގައި އަދިވެސް ދަންނަވައިގެން އިރާދަކުރެއްވިއްޔާ އެކަން ހައްލުކޮށްދޭނަން، އިރާދަކުރެއްވިއްޔާ އެކަން ކުރާނަން،“ ރައީސް
ރައްޔިތުންގެ ސީދާ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސް ކުރިއަށް ގެންދަވާ މި ސިލްސިލާ ޕްރޮގްރާމްގައި، އިތުރު ދާއިރާތަކާއި އިންތިޚާބީ ބައެއް ދާއިރާތަކުގެ ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

