2018ގެ ރިޔާސީ އިންތިހާބު ޕީޕީއެމްއަށް ގެއްލިގެން ދިޔަ ސަބަބުތަކުގެ ތެރޭގައި އޭރުގެ ސަރުކާރުގައި ކުރި ވައްކަންތައް ހިމެނޭ ކަމަށާއި ވައްކަމުން ހޯދި ފައިސާ އަނބުރާ ދައުލަތަށް ރައްދުކޮށްދިނުމަށް، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އަދެވަޑައިގެންނެވި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ، ޕީއެންސީގެ ރިޔާސީ ޓިކެޓު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދިނުމަށް ނިންމުމުން އެކަމަށް އިދިކޮޅުން ފާޑުކިޔަމުންދާ ކަމަށެވެ. ނަމަވެސް، މީގެ ކުރިން ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ ދޫފުޅުން އެ ވާހަކަތައް އަންނައިރު، އެ ބޭފުޅުންގެ ވެރިކަމުގައި ކަންކަން ހިނގި ގޮތް ހަނދާން ނެތީތޯ ސުވާލު އުފެދޭ ކަމަށް ފަލާހު ވިދާޅުވިއެވެ.
އެގޮތުން 2018 ގައި ވެސް ޕީޕީއެމްއިން ރިޔާސީ ބޮޑު ޕްރައިމަރީއެއް ނުބާއްވާ ކަމަށާއި ޓިކެޓު ހިބަކޮށްދީ އިންތިހާބު ކާމިޔާބުކުރަން ހުރިހާ މަސައްކަތެއް ކޮށްދިން ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބޭރުގެ ފަރާތްތަކުންނާއި އެކި ފަރާތްތަކުން ދިން ފައިސާއަށް ވީ ގޮތް ނޭނގުމުން އޭރު ރިޔާސީ އިންތިހާބު ނާކާމިޔާބުވެގެންދިޔަ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ނިސްބަތްކުރައްވައި ފަލާހު ވިދާޅުވިއެވެ.
އޭގެ އިތުރުން ފަލާހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކަންތައް ކުރެއްވި ގޮތުންނާއި، އިންތިހާބު ކައިރިވިއިރު އިދިކޮޅު ހުރިހާ ފަރާތްތައް ޖަލުގައި ބޭތިއްބުމުންނާއި ކުރިން ނުހިނގާ ވަރަށް ކޮރަޕްޝަންގެ އަމަލުތައް ހިންގުމުން އިންތިހާބު ނާކާމިޔާބުވި ކަމަށެވެ.
އެ ދުވަހު ޖަލުތަކުން މީހުން މިނިވަންކުރުމަށާއި އެގޮތަށް ކަންތައް ނުކުރައްވަން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންނެވި ކަމަށާއި ނަމަވެސް، އެ މީހުން ޖަލުގައި ބައިތިއްބައިގެން ހުވާކުރައްވާނެ ކަމަށް ވިދާޅުވި ކަމަށް ފަލާހު ކިޔައިދެއްވިއެވެ.
”އެ ދުވަހު އަޅުގަނޑުމެންގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މެން ވަރަށް ތަފްސީލުކޮށް ދެންނެވި ތިހެން ނަހައްދަވާށޭ. ޖަލުގައި ތިތިބަ މީހުން ނެރޭށޭ. ވައްކަންކޮށްފައި ނަގާފައި ތިހިރަ ލާރިކޮޅުކޮޅު ދައުލަތަށް ދޭށޭ. ތި ކޯޓުތަކުގެ ޓިނާ އެއްޗެހި ނުނަގާށޭ. މި ހުރިހާ ވާހަކަ ވަރަށް ތަފްސީލުކޮށް ދެންނެވީމަ ވިދާޅުވީ، ނޫނޭ ތިހެން ނުވާނޭ. އެ މީހުން ޖަލުގައި ބައިތިއްބައިގެންނޭ ތިމަން މަނިިކުފާނު ހުވާ ކުރައްވާނީ،“ ފަލާހް ވިދާޅުވިއެވެ.
އެއާ ހިލާފަށް މިހާރު އެއްވެސް ވައްކަމެއް ނުހިނގާ ކަމަށާއި އެއްވެސް ކޯޓެއްގެ ފަނޑިޔާރަކު އަމުރުކޮށްގެން ނުބައިކޮށް ކަމެއް ނުކުރާ ކަމަށާއި އެއްވެސް ސިޔާސީ މީހަކު ޖަލަށް ނުލާ ކަމަށް ފަލާހު ވިދާޅުވިއެވެ.
އެހެންކަމުން، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް އެއްވެސް ބަޔަކު ގަބޫލުނުކުރާނެ ކަމަށާއި ސާބިތުހިފޭ ވާހަކަތަކެއް ނުދައްކާ ކަމަށާއި ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމަށް ސިޔާސީ ވެރިން ގަބޫލުކޮށްގެންނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

