އީގަލް ހިލްސްގެ މަޝްރޫއުއަށް އެންމެ ބޮޑަށް ތާއިދު ކުރައްވަނީ އެމްޑީޕީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު ކަމަށާއި، މިކަމަށް ކުއްލި މައްސަލައެއް އެމްޑީޕީން ހުށަހެޅީ ރައީސް ނަޝީދަށް އެއްޗެހި ކިޔުމަށް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށައަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ފަލާހް ވިދާޅުވީ، ރަސްމާލެ މަޝްރޫއު އެމްޑީޕީއަށް މީގެ ކުރިން ފެނުނީ ތާކުން ތާކުން ނުޖެހޭ ވަރަށް ބޮޑު އިސްރާފެއް ގޮތުގައި ކަމަށެވެ. އެއްވެސް މީހަކު ދިރިއުޅެން ނުދާނެ، އަދި އެއްވެސް އިންވެސްޓަރަކު އިންވެސްޓުވެސް ނުކުރާނެ ދައުލަތުން ކުރާ އިސްރާފެއް ގޮތުގައި އެކަން އެމްޑީޕީއަށް ފެނުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް އެ މަޝްރޫއަކީ ރަންގަނޑެއްގެ ގޮތުގައި އެމްޑީޕީއަށް ސިފަވާކަން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިން އެނގިގެންދާ ކަމަށް ފަލާހު ވިދާޅުވިއެވެ. ސަބަބަކީ މިއަދދު އެމްޑީޕީން ހުށަހެޅު ކުއްލި މައްސަލަ ބަލައިގަތުމާއި، ބޭރުކުރުމުގެ ބާރުވެސް އޮތީ ސުޕަރ މެޖޯރިޓީ އަތުގައި ކަމަށެވެ. ފަލާހު ވިދާޅުވީ، މި މައްސަލަ ބޭރުކޮށްލާނެ ކަމަށް ބަލައިގެން ކުއްލި މައްސަލަ ހުށަހެޅި ކަމަށާއި، އެހެންކަމުން އެއްވެސް މެމްބަރަކު އައީ އެކަމަށް ތައްޔާރުނުވެ ކަމަށެވެ.
ފަލާހު ވިދާޅުވީ، ބަހުސް ކުރިއަށް ދިޔަ ވަގުތު އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ނެތީ އެބޭފުޅުން އީގަލް ހިލްސް މަޝްރޫއާއި ގުޅީގެން އެއްވެސް ތައްޔާރީއެއް ވެފައި ނެތުމުން ކަމަށެވެ.
”އެމްޑީޕީގެ ކޮންގްރެސް މީގެ ދެރޭ ކުރިން ނިމިގެން ހިނގައްޖެ. އެމްޑީޕީއަކު މިހާރަކު ރައީސެއް ނުހުންނާނެ. އެމްޑީޕީގައި މިހާރު ނައިބު ރައީސަކު ނުހުންނާނެ. އެމްޑީޕީގެ އަސާސީ ގަވައިދަށް އެ ގެނެއި އިސްލާހުގެ ސަބަބުން އެމްޑީޕީގެ ހުރިހާވެސް މީހަކީ ޗެއާޕާސަން. އީގަލް ހިލްގެ މަޝްރޫއަށް ތާއިދުކުރާ، މީގެ ކުރިން ވެރިކަން ކޮށްފައިވާ ބޭފުޅުންގެ ތެރެއިން، އެންމެ ބޮޑަށް ތާއިދުކުރައްވާ ބޭފުޅަކީ އެމްޑީޕީގެ ޗެއާޕާސަން ރައީސް ނަޝީދު،“
ފަލާހު ވިދާޅުވީ، އެމްޑީޕީން އީގަލް ހިލްސްއާއި ގުޅިގެން ކުއްލި މައްސަލަ ހުށަހެޅީ ކޮންގްރެސްގައި އެބޭފުޅުންނާއި މެދު ކަންތައްތައް ދިމާވި ގޮތުން ރައީސް ނަޝީދަށް އެއްޗެހި ކިޔުމުގެ ބޭނުމުގައި ކަމަށެވެ. ފ. އަތޮޅުގައި ހަމަ މިފަދަ މަޝްރޫއެއް ހިންގަން އުޅުނު އިރު އެމްޑީޕީން ދެއްކި ވާހަކައާއި މިހާރު ދައްކާ ވާހަކަައިގައި އެއްވެސް ތަފާތެއް ނެތް ކަމަށް ފަލާހު ވިދާޅުވިއެވެ.
މީގެ އިތުރުން ފަލާހު ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީ އަދި ރަސްމީ އެއްބަސްވުމެއް އޮތް މަޝްރޫއުއެއް ނޫން ކަމަށާއި، 99 އަހަރަށް އެތަން ދޭނެ ކަމަށާއި، އަދި އެއަށް ފަހު އެ ބިން އެހެން ބަޔަކަށް ލިބޭއިރު އަނެއްކާވެސް 99 އަހަރަށް ދޭ ވަހަކައަކީ މިއީ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި ދައްކާ ވާހަކައެއް ކަމަށެވެ.

