ގައުމު ނުދަރައިގެން ބަޔަކު އުޅޭކަމީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި ފަތުރުވެރިން ނާންނާނެ ސަބަބުތައް ބައެއް ނޫސްތަކުން ވެސް ފާހަގަކޮށް ލިޔަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެެއްޖެއެވެ.
ޓިކްޓޮކްގައި ހިއްސާކުރި ވީޑިއޯ މެސެޖެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ކާޑު، ތެޔޮ، ގޭސް އަދި އެހެން އެއްވެސް އަސާސީ އެއްޗެއް ގަތުމަށް ރާއްޖެއަށް އެއްވެސް ހުރަހެއް ނެތްކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ. މިހާ ދުވަސް ހޭދަމިވީ ރާއްޖެ އެއިން އެއްވެސް އެއްޗަކަަށް ނުޖެހި ކަމަށާއި ކުރިއަށް އޮތް ދުވަސްތައް ވެސް ދާނީ އެގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންނަމަވެސް، ބައެއް ފަރާތްތަކުން އަނެއްކާ ވެސް އާ ވާހަކަތަކެއް ދައްކަމުން ދަނީ ޑޮލަރުގެ ކަންކަން ހަމައަކަށް އެޅި އަނެއްކާވެސް ކުރިއަށް ދާން ފެށުމުން ކަމަށް ސައީދު ވިދާޅުވިއެވެ.
ސަރުކާރުން ދަރަނިތައް ދައްކަމުންދާއިރު، ޗައިނާ ސަރުކާރުން ވެސް ލޯނު ފަސްކޮށްދީފައިވާ ކަމަށާއި އަބޫދާބީ ފަންޑުގެ ލޯނެއް ވެސް ފަސްކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ސޮވެރިން ގެރެންްޓީ ދީފައިވާ ބައެއް ލޯނުތައް ވެސް އަދާކުރުމުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.
ބޮޑެތި ގޮންޖެހުންތަކުން އަރައިގަންނަމުން ކާމިޔާބު ހޯއްދަވަމުން ގެންދަވާއިރުވެސް، ކަންބޮޑުވެވައިގަންނަަވަނީ ގައުމު ނުދަރައިގެން ބަޔަކު އުޅޭތީ ކަމަށް ސައީދު ވިދާޅުވިއެވެ.
”ގައުމަށް ދުވަސްވަރަކަށް ފަހު ދުވަސްވަރެއް ބޮޑެތި ގޮންޖެހުންތަކުން އަރައިގަންނަމުން މިދަނީ ކާމިޔާބު ހޯއްދަވަމުން މި ގެންދަވަނީ. އަޅުގަނޑު ކަންބޮޑުވަނީ އަބަދުވެސް ގައުމު ނުދަރައިގެން ބަޔަކު އުޅޭތީ.“
އޭގެ އިތުރުން، ބައެއް ނޫސްތަކުގައި ރާއްޖެއަށް ފަތުރުވެރިން ނާންނާނެހެން ހީވާ ހުރިހާ ކަންތައްތަކެއް ފާހަގަކޮށް ލިޔަމުންދާ ކަމަށާއި އެ ވާހަކަތައް ވަރަށް ފޯރީގައި ސޯޝަލް މީޑިއާގައި ވާދަވެރި ބައެއް ފަރާތްތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެއީ އެއްވެސް ޑޮމޮކްރެސީއެއްގައި ކަންކަން ކުރާ ގޮތެއް ނޫން ކަމަށާއި އެހެން ގައުމުތަކުގައި ސިޔާސީ އިދިކޮޅު ފަރާތްތަކުން އެ ގައުމެއްގެ އިގްތިސާދަށް ކުރިއެރުން ލިބޭ ކަމަށް ވަންޏާ އެކަމަކަށް އެއްބާރުލުން ދޭ ކަމަށެވެ. އަދި ރާއްޖެއަށް އިންވެސްޓްމެންޓް ނުލިބުމުން، ރާއްޖެއަށް ފަތުރުވެރިން ނައުމުން އަދި ރާއްޖެއަށް ލިބެން އޮތް އެއްޗެއް ނުލިބުމުން އެކަމުގެ ދެރަ ލިބޭނީ ދިވެހި ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
”ހިޔާލު ތަފާތުވުންތައް އޮވެދާނެ. އެހެންނަމަވެސް، ބަނގުރޫޓުކޮށްލުން އިންވެސްޓްނުކުރުމަށް ބާރުދީ އިނގިރޭސިބަހުން ވާހަކަ ދެއްކުން، ކަންކަމަށް ހިތްވަރުދިނުން. އަޅުގަނޑަށް ވިސްނާ ވިސްނާވެސް ނޭނގުނު މީގެން ކުރާނެ ފައިދާއެއް އޮތްކަމެއް،“
އިގްތިސާދު ވައްޓާލާފައިވާ އަނދަޅުން ސަލާމަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ކޮށްފައިވާ މަސައްކަތްތަކެއް ނޫން ކަމަށާއި ޑޮލަރުގެ މައްސަލަ ހައްލުކޮށް، މި ދަތި އުނދަގޫ ހާލަތުން އިގްތިސާދު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ސައީދު ވިދާޅުވިއެވެ.

