ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ބޭރުގެ ދެ ތެޔޮ ބޯޓެެއް ސިނަމާލެ ބްރިޖަށް އުރުނު މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ފަށައިފިއެވެ.
ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ރޭ ބްރިޖަށް އުރުނީ ގަވާއިދާ ހިލާފަށް ރާއްޖެ ވަނުމުން، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ތެޔޮ އުފުލާ ބާޖަކާއި ޓަގު ބޯޓެކެވެ. ރޭ އެ ދެ ބޯޓު އޮޔާ ގޮސް ބްރިޖުގައި ޖެހުމަށްފަހު ވަނީ އަތޮޅު ބޭރުން އަޑިއަށް ގޮސްފައެވެ.
އެ ހާދިސާއާ ގުޅިގެން އެންއައިސީން ބުނެފައިވަނީ، އެ ކޮމިޝަނުން އިސްނަގައިގެން އެ މައްސަލަ ތަހުގީގުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ތަހުގީގުގައި ބަލާނީ، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮއްވާ އެ ދެ ބޯޓު އޮޔާ ގޮސް ބްރިޖަށް އުރުނު މައްސަލާގައި ކަސްޓަމްސްއިން ގާނޫނާއި ގަވާއިދާ އަމަލުކުރަން ޖެހޭ އުސޫލުތަކާ ހިލާފުވެފައިވޭތޯ ކަމަށް އެންއައިސީން ބުނެފައިވެއެވެ.
ނަގިލި ކަނޑައިގެން ގޮސް ކޮންޓްރޯލެއް ނެތި އޮޔާދިޔަ އެ ދެ ބޯޓު އެންމެ ފުރަތަމަ އުރުނީ ކާނިވާ ސަރަހައްދުގެ ބޭރު ފަރަށެވެ. އެ ސަރަހައްދުގެ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ފަހުން، ދެ ބޯޓު ވަނީ ސިނަމާލެ ބްރިޖުގެ ދަށުން އޮޔާ ގޮސްފައެވެ. އެ ވަގުތު ބޯޓުގެ ދަގަނޑު އެންޓެނާއަކާއި ނެވިގޭޝަން ލައިޓް ބްރިޖުގެ ސުޕަރ ސްޓްރަކްޗާގައި ޖެހި، ބްރިޖުގައި ކޫރުން އެޅިފައިވެއެވެ. ބްރިޖު ދަށުން ދަތުރުކޮށް އެ އުޅަނދުތައް މާލޭގެ ދެކުނު ފަރާތު ކަނޑަށް ނުކުމެ ވަކި ހިސާބަކުން އަޑިއަށް ދިޔައީއެވެ.
މިދިޔަ ޖުލައި މަހުގެ 4 ވަނަ ދުވަހު ”ނެޝަނަލް ޔުނިއަން އޮފް ސީފެއަރާސް އޮފް އިންޑިއާ“ އިން ވަނީ އެ އުޅަނދުތަކުގެ ފަޅުވެރިންގެ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑިއޯގައި ބުނެފައިވާ ގޮތުގައި ”ކޭޖީ 1“ ގެ 9 ފަޅުވެރިންނާއި ”އޭއެލް 1“ ގެ 11 ފަޅުވެރިންނާއެކު ޖުމްލަ 20 މީހުން ހާލުގައި ޖެހިފައިވާއިރު، އެ މީހުންގެ ކާބޯތަކެއްޗާއި ބޯފެން އަދި ތެލުގެ އިތުރުން ޒަރޫރީ ސާމާނު ވަނީ ހުސްވެފައެވެ.
ވީޑިއޯގައި ބުނާ ގޮތުގައި، ކަސްޓަމްސްގައި އެހީއަށް އެދުމުން މާބޮޑު އެހީތެރިކަމެއް ލިބިފައި ނުވެއެވެ.
އެ ދެ ބޯޓަކީ އޮމާނުން ފުރައިގެން އިންޑިއާއަށް ދަތުރުކުރަނިކޮށް، އެއްވެސް އިދާރާއެއްގެ ހުއްދައެއް ނެތި މިދިޔަ އެޕްރީލް މަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވާ ދެ އުޅަނދެވެ. އެ އުޅަނދުތައް ރާއްޖޭގެ ސަރަހައްދުގައި އޮތްކަން ކަމާބެހޭ އިދާރާތަކަށް އެނގުނީ މެއި މަހުގެ 3 ވަނަ ދުވަހުއެވެ.

