ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރަން ނިންމި ނިންމުމަކީ ރާއްޖޭގެ ވެށީގެ ދުޅަހެޔޮކަމަށް ސަރުކާރުން ކުރާ ފުރައްސާރައެއް: އެމްޑީޕީ

ޕްލާސްޓިކް ކުނިތަކެއް ޖަމާވެފައި. މޫދަށް ކުނި އެޅުމަކީ އެންމެ އާންމުކޮށް ކުރާ ތިމާވެއްޓަށް ގެއްލުންދޭ ކުށް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަނާކުރުމުގެ ސިޔާސަތު ބަދަލުކޮށް، ޕްލާސްޓިކް ހޮޅި ހިމެނޭގޮތަށް ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރާ ހަމައަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ރާއްޖޭގެ ވެށީގެ ދުޅަހެޔޮކަމަށް ސަރުކާރުން ކުރާ ފުރައްސާރައެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ސަރުކާރުގައި 2020 ވަނަ އަހަރުގައި ތައާރަފުކުރި އެ ސިޔާސަތު ބަދަލުކުރުމާ ގުޅިގެން ނެރުނު ބަޔާނުގައި އެމްޑީޕީން ފާހަގަކުރީ، މި ސިޔާސަތުގެ ދަށުން ޕްލާސްޓިކް ހޮޅި ހިމެނޭހެން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ބައެއް ޕްލާސްޓިކްގެ ބާވަތްތައް އެތެރެކުރުން މަނާކުރުމަށް އަމަލުކުރަން 2021 ވަނަ އަހަރުގެ ޖޫން މަހު ފަށާފައިވުމާއެކު، އެކަން ތަންފީޒުކުރަމުންދާތާ މިހާރު ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމެވެ.

ނަަމަވެސް ސަރުކާރުގެ ނިންމުމަކީ، އާންމުންނާއި ވިޔަފާރިތަކުން އަހަރުތަކެއް ވަންދެން ތަންފީޒުކޮށް އެކަމަށް އާދަވެފައިވަނިކޮށް، ތިމާވެށީގެ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. އަދި އެ ސިޔާސަތާއެކު ރާއްޖޭގެ ގޮނޑުދޮށްތަކުންނާއި އާންމު ތަންތަނުން ޕްލާސްޓިކް ކުނިބުނި ފެންނަ މިންވަރުވެސް ވަރަށް ބޮޑަށް ކުޑަވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

އެފަދަ ބަދަލުތަކެއް ގެނެސްފައިވަނިކޮށް، އެކަށީގެންވާ ސަބަބެއް، ހުއްޖަތެއްނެތި ސިޔާސަތު ބަދަލުކުރުމަކީ ގަވާއިދުތަކާއި ސިޔާސަތުތަކާމެދު އޮންނަ ޔަގީންކަން ގެއްލި، ތިމާވެއްޓާ ގުޅޭގޮތުން ސަރުކާރުން ވެފައިވާ ވައުދުތަކުގެ އިތުބާރު ކުޑަވެގެންދާނެ ކަމެއް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އޭގެ އިތުރުން، އެކަމަށް ސަރުކާރުން ދައްކާފައިވާ އުޒުރުތަކަކީވެސް އެކަށީގެންވާ ސަބަބުތަކެއް ނޫން ކަމަށާއި އެފަދަ ބަދަލެއް ގެންނަން ޖެހުނީ ކީއްވެގެންކަން، ނުވަތަ އެހެނިހެން ގަވާއިދުތަކުގެ ތެރެއިން މިކަން ހައްލުކުރެވެން ނެތީ ކީއްވެގެންކަން، ނުވަތަ 2031 ވަނަ އަހަރާ ހަމައަށް މުއްދަތު އިތުރުކުރަން ޖެހުނު ސަބަބު ސާބިތުކޮށްދޭނެ ދިރާސާއެއް ނުވަތަ އެކަށީގެންވާ ސަބަބުތަކެއް ސަރުކާރުން ހާމަކޮށްފައެއް ނުވާކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.

އެ ޕާޓީން އިތުރަށް ބުނީ، ރާއްޖެ ފަދަ އިގްތިސާދާއި ރައްޔިތުންގެ ދިރިއުޅުމާއި އަދި ބައިނަލްއަގުވާމީ މައިދާނުގައި ތިމާވެށީގެ ގޮތުން ލިބިފައިވާ މަގާމު، ކަނޑާއި ވެށީގެ ދުޅަހެޔޮކަމާ ގުޅިފައިވާ ގައުމަކަށް، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްގެ ތަޣައްޔަރުކަމާ ގުޅޭގޮތުން ނިންމާ ނިންމުންތައް ވާން ޖެހޭނީ ސާބިތުކަމާއި، ހަރުދަނާ ހެކީގެ މައްޗަށް ބިނާކުރާ ނިންމުންތަކަށް ކަމަށެވެ. އަދި ތިމާވެއްޓާ ގުޅޭގޮތުން ރާއްޖެއިން ވެފައިވާ ވައުދުތައް ތަކުރާރުކޮށް ފަސްކުރުމަކީ، މުސްތަގުބަލުގައި ތިމާވެށީގެ ގަވާއިދުތަކަށް ބޯލެނބުމަށް ވިޔަފާރިތަކުން ކުރާ އިންވެސްޓްމަންޓްތަކަށް ހިތްވަރު ކުޑަވެގެންދާނެ ކަމެއް ކަމަށާއި ތިމާވެށީގެ ރޮނގުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ކުރާ މަސައްކަތަށް ކުރާ ގޯނާއެއް ކަމަށް ބުނެފައިވެއެވެ. އަދި ރާއްޖޭގެ ވެށީގެ ދުޅަހެޔޮކަމަށް ކުރާ ފުރައްސާރައެއް ކަމަށެވެ.

އެމްޑީޕީން ބުނި ގޮތުގައި ރާއްޖެއިން ކުރިއަށްދާންވީ ތިމާވެށި ހިމާޔަތް ކުރުމުގައި މިހާތަނަށް ހޯދިފައިވާ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ މަތިވެރި އަޒުމުގައި ނަމޫނާ ދައްކާ ގައުމެއްގެ ގޮތުގައި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން އަދާކުރަމުންދިޔަ ދައުރު އަލުން އަދާކުރަން ފަށަން ޖެހެއެވެ.

ދެން އަންނަ އެމްޑީޕީގެ ސަރުކާރެއްގައި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތަށް އަލުން އަމަލުކުރަން ފަށައި، އެ ސިޔާސަތު ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ އެހެނިހެން ތަކެއްޗަށް އެކަށީގެންވާ މިންގަނޑުތަކެއް ކަނޑައަޅައި، އެ މިންގަނޑުތަކަށް ފެތުމަށް ވިޔަފާރިތަކަށް އެހީތެރިވެދީ، ޕްލާސްޓިކް ކުނިބުނި އުފައްދާ ފަރާތްތަކުގެ ޒިންމާދާރުކަން އިތުރުކޮށް، ކުނި މަދުކުރުމުގެ ފިޔަވަޅުތައް ހަރުދަނާ ކުރާނެ ކަމަށް ވެސް އެ ޕާޓީގެ ބަޔާނުގައިވެއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތަށް ފުރިހަމައަށް އަމަލުކޮށް، މިހާތަނަށް ހޯދާފައިވާ ކުރިއެރުންތައް ފަހަތަށް ނުޖެއްސުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: