ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައިގެ ކޮލިޓީ ދެނެގަތުމަށް އެއަރ ކޮލިޓީ މޮނިޓަރިންގ ސްޓޭޝަންތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، 4 ސްޓޭޝަނެއް މި އަހަރު ނިމުމުގެ ކުރިން ބަހައްޓާ ނިމޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، މާލެ ސަރަހައްދުގައި 4 ސްޓޭޝަނެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނައިރު، އޭގެ ތެރެއިން އެއް ސްޓޭޝަން މިހާރު ގަލޮޅުގައި ބަހައްޓާފައިވާކަމަށެވެ.
އެގޮތުން ގަލޮޅުގައި މިހާރު ސްޓޭޝަނެއްގެ މަސައްކަތް ފަށާފައިވާއިރު މިފަހަރު ބަހައްޓާ ސްޓޭޝަންތަކުގައި، ކުރިއާ ޚިލާފަށް އާންމުންނަށް ފެންނާނެހެން އެއަރ ކޮލިޓީ ދައްކައިދޭ ޑިސްޕްލޭއެއް ހުންނާނެ ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ޑިސްޕްލޭތައް ބެހެއްޓިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރުވެސް ރާއްޖޭގެ 6 ސަރަހައްދެއްގައި މިފަދަ ސެންޓަރުތައް ގާއިމުކުރެވިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭގެ ތެރޭގައި ކ. ވިލިނގިލި، ށ. ފުނަދޫ، ލ. ގަން، ދ. ކުޑަހުވަދޫގެ އިތުރުން ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީ ހިމެނޭކަމަށް ވަޒީރު ޝަރީފް ވިދާޅުވިއެވެ.
އިރުވައި މޫސުމަކީ ރާއްޖޭގެ ވައިގެ ސާފުމިން ވަރަށް ބޮޑަށް ދަށްވާ ދުވަސްވަރެއްކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، ވޭތުވެދިޔަ އަހަރުގެ އިތުރުން މިއަހަރުވެސް އެފަދަ ހާލަތެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވަނީ، ރާއްޖޭގެ ކައިރި ސަރަހައްދުތަކުގެ ވައިގެ ދައުރުވުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންޑިއަން ސަބްކޮންޓިނެންޓުގެ މަތީގައި އުފެދިފައިވާ ދުން ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ މިންވަރު އިތުރުވާތީކަމަށް ވަޒީރު ޝަރީފް ވިދާޅުވިއެވެ.
މިދިޔަ އަހަރު ވައިގެ ކޮލިޓީ ދަށްވުމާ ގުޅިގެން އާންމުންގެ ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ފޯރަމުން ދިއުމާއެކު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ދަނޑިވަޅުތަކުގައި އެންމެ މުހިންމު ކަމަކީ ވައިގެ ކޮލިޓީ ހުރި މިންވަރުގެ ސައްހަ މައުލޫމާތު ވަގުތުން ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމަށް އާންމުން ހޭލުންތެރިކުރުވުން ކަމަށެވެ.

