ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކުރާ ލޯނުތަކުގެ ތެރެއިން، މަސައްކަތް ފަށައި ނުނިމި ހުރި އިމާރާތްތައް ފުރިހަމަކުރުމަށް ލޯނު ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ’ރައްޔިތުންގެ އަޑު‘ ޕްރޮގްރާމުގައި، ސަރުކާރުން ތަޢާރަފުކުރުމަށް ހަމަޖެހިފައިވާ ފަސް އިންސައްތައަށް ވުރެ އިންޓްރެސްޓް ބޮޑުނުވާ ގެދޮރުވެރިކަމުގެ ލޯނު ސްކީމާ ގުޅޭގޮތުން ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސާ ބައްދަލުކުރި އާއްމު މީހަކު ވަނީ 5%ގައި ހައުސިން ލޯނު ދޭއިރު، ގެދޮރު އެޅުމަށް ދޫކުރާ ލޯނުގެ އިކުއިޓީ %5އަށް ކުޑަކުރުމަށް ފަހު ލޯނު ދޫކުރާއިރު، މިހާރު އިމާރާތްކުރާ ތަންތަން ނިންމުމަށް ލޯނު ލިބޭނެ އިންތިޒާމެއް ހަމަޖައްސާދިނުމަށް އެދިފައެވެ.
މިކަމާ ގުޅިގެން ރައީސް ވިދާޅުވީ، މަސައްކަތް ފަށާފައިވާ އިމާރާތްތައް ނިންމުމަށް ފުރުޞަތު ދިނުމުގެ އިތުރުން، ޢާންމުންނަށް ލުއިފަސޭހަވާނެ އިތުރު ކަންތައްތަކެއް ހިމަނައިގެން އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން މިހާރު ކުރިއަށްގެންދާ ކަމަށެވެ. އަދި އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް އެ އުސޫލުތައް އެކުލަވާލައި ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

