ކޮވިޑް-19 އާ ގުޅިގެން މާލޭން ރާއްޖޭގެ އެކި ރަށްރަށަށް ދިޔުމަށް ފަސްހާހެއްހާ މީހުން އެދިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ދާރުބާރޭގައި އޮތް ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، މާލޭގައި މި ބަލި މިހާބޮޑަށް ފެތުރުރިފައިވަނިކޮށް މިދަނޑު ވަޅުގައި މާލޭ ދޫކޮށް ރަށްރަށަށް ދިޔުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ރައްކާތެރިކަމުގައި ނުވިޔަސް ޒަރޫރީ ޙާލަތްތަކާއި އެނޫންވެސް ކަންކަމާއި ގުޅިގެން ރަށަށްދާން ބޭނުންވާ މީހުން ފޮނުވުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އެކަމަކު އެކަން ކުރިއަށް ގެންދާނީ ކަރަންޓީން ކުރުމަށްފަހުގައި ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
މިހާތަނަށް ފަސްހާސް މީހުން ރަށަށް ދިޔުމަށް އެދިފައިވާތީ އެކަން ކުރިއަށް ގެންވޭނީ ކަރަންޓީން ފެސިލިޓީތަކުގައި އެމީހުންނަށް ބައިތިއްބަން ޖާގަ ލިބޭ މިންވަރަކުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އެކަމުގައި އިސްކަންދޭނެ އުސޫލުވެސް ވަނީ ކަނޑައެޅިފައި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ރަށްރަށަށް ދާން ބޭނުންވާ މީހުން ފޮނުމުގެ މަސައްކަތް ކުރަމުންދާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީއާ ކައުންސިލުތަކާއި ގުޅިގެން ކަމަށެވެ. އަދި ރަށަށް ދާން ބޭނުންވާ ފަރާތްތަކުގެ ލިސްޓެއް ޖެންޑަރ މިނިސްޓްރީން އެކުލަވާލަމުން އަންނަ ކަމަށްވެސް އަލީ ވަހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ލޮކް ޑައުންނާއި ގުޅިގެން ރިސޯޓުތަކުގައި މަސައްކަތްކުރާ 153 މީހަކު ތިބިކަން މިހާތަނަށް ޓޫރިޒަމް މިނިސްޓްރީއަށް އެނގިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 97 މީހަކު ކަރަންޓީންނަށް ފޮނުވިފައިވާ ކަމަށާއި އަދި 14 ދުވަސް ހަމަކޮށް ޓެސްޓް ކުރުމަށްފަހު އެމީހުން އާއިލާގެ ގާތަށް ފޮނުވޭނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ވާކީ ތިބި މީހުންވެސް ކަރަންޓީނަށް ވަރަށް އަވަހަށް ގެންދެވޭނެ ކަމަށާއި، އެމީހުންވެސް ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ރަށަށް ނުވަތަ އާއިލާ ކައިރިއަށް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.
ރިސޯޓްތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 600 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ރަށަށް ދާން އެދިފައި ކަމަށާއި އެ މީހުންނަކީ މާލެ ވެސް ނައިސް، އަދި އިތުރު ކަރަންޓީނަކާ ވެސް ނުލައި ސީދާ ރަށަށް ދެވޭނެ މީހުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދ އެއީ ހުއްދަ ދީފައި ހުރި ރިސޯޓްތައް ކަމަށްވުމުން އެ މީހުން ފޮނުވައިދޭނެ ކަމަށް ވިދާޅުވިއެވެ.

