ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމުގައި އެންމެ އިސްކަމެއްދެނީ، ދިވެހިންނަށް އައު ފުރުސަތުތައް ފަހިކުރުމަށް ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ، ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރަކީ ”ފަތުރުވެރިކަން އަލުން ފަރުމާކުރުމަށް ޑިޖިޓަލް އެޖެންޑާއާއި އާޓިފިޝަލް އިންޓެލިޖެންސް“ މިއެވެ.
މިނިސްޓަރުގެ ޕޯސްޓުގައި ފާހަގަކުރެއްވި ގޮތުގައި، ޓެކްނޮލޮޖީގެ ވަސީލަތްތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބޭނުން ހިފުމަށް މަސައްކަތްކުރަމުންދާއިރު، އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށާއި، ދިވެހިންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށެވެ.
މީގެއިތުރުން، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތަކާއި، ރަށްރަށުގެ މުޖުތަމަޢުތައް ހިމެނޭހެން، ދިވެހިރާއްޖެއަކީ މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ މަންޒިލަކަށް ހަދައިދޭ އެންމެހައި ފަރާތްތަކަށް މިނިސްޓަރު އަމީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

