ސަރުކާރުން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމަށް މިދިޔަ ހަ އަހަރުގެ ތެރޭގައި 835 މިލިއަން ރުފިޔާ ހޭދަކުރިއިރު، ޑިގްރީ ފުރިހަމަ ކުރި ދަރިވަރުންގެ އަދަދު ސާފުވާން ނެތް ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓް އޮފީހުން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުން 2019 އިން 2024 އަށް ސަރުކާރުގެ ހަރަދުގައި ޑިގްރީ ހެދުމަށް 19،265 އެޕްލިކޭޝަން އެޑިއުކޭޝަން މިނިސްޓްރީއަށް ލިބުނެވެ. އޭގެ ތެރެއިން އެ ސްކީމަށް ހޮވިފައިވަނީ 16،388 އެޕްލިކޭޝަނެވެ. އެއީ ސްކީމަށް އެދި ހުށަހެޅި މީހުންގެ 85 ޕަސެންޓެވެ.
އެ ސްކީމަށް އެންމެ ބޮޑު އަދަދެއް ހޭދަކޮށްފައިވަނީ 2022 އާއި 2023 ވަނަ އަހަރު އެވެ. އެ ދެ އަހަރު ހިލޭ ޑިގްރީ ސްކީމަށް 163 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ސްކީމު ފެށި ފަހުން ފަސް އަހަރު ތެރޭގައި ކޮންމެ އަހަރަކު ވެސް ސްކީމަށް ކުރި ހޭދަވަނީ އިތުރުވެފަ އެވެ. އޭގެ ފަހުން 2024 ވަނަ އަހަރު ސްކީމަށް ކުރި ހޭދަ ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައިވެ އެވެ.
އޮޑިޓްގެ ހިސާބުތަކުން ދައްކާ ގޮތުން ފްރީ ޑިގްރީ ސްކީމުގައި ބައިވެރިވާ ދަރިވަރުން، ކިޔެވުން ފުރިހަމަ ކުރޭތޯ ނުވަތަ ނޫންތޯ ބެލުމުގެ ނިޒާމެއް ހަމަޖައްސާފައި ނެތުމުން އެ ޕްރޮގްރާމް ކާމިޔާބުކަން ދެނެގަތުމަށް ދައްޗެވެ. ނަމަވެސް، ސްކީމުގައި ބައިވެރި 790 ދަރިވަރަކަށް 19 މިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް ޕްރޮގްރާމު ފުރިހަމަ ނުކުރާކަން ފާހަގަކުރެވިފައިވީ ނަމަވެސް، އެ ފައިސާ ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތްކޮށްފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.
އެ ސްކީމުގައި ބައިވެރިވާ ކުދިންނަކީ ކުރިން ޑިގްރީ ފުރިހަމަ ކޮށްފައިވާ ކުދިންކަން ބެލޭނެ ނިޒާމެއް ނެތުމުގެ ސަބަބުން، ކުރިން ޑިގްރީ ފުރިހަމަކޮށްފައިވާ 271 މީހަކަށް އިތުރު ޑިގްރީ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް 9.4 މިލިއަން ރުފިޔާ ޕްރޮގްރާމުގެ މަގްސަދާ ހިލާފަށް ހޭދަކުރި ކަމަށް ވެސް އޮޑިޓް އޮފީހުން ބުންޏެވެ.
ރިޕޯޓުގައިވާ ގޮތުން ސްކީމުގެ ދަށުން ދަރިވަރުން ކިޔަވަމުން ދިޔަ ނަމަވެސް، ޕްރޮގްރާމްގެ ފީއަށް އައި ބަދަލާ އެކު އެއް އަހަރުން އަހަރު ދަރިވަރުން ހޭދަކުރަންޖެހޭ ވަރު ވެސް އިތުރުވި އެވެ. އެގޮތުން ދަރިވަރުންގެ ޖީބުން 60،000ރ. ހޭދަކޮށްފައިވެ އެވެ. އެއީ ޕްރޮގްރާމްގެ ފީ 15 ޕަސެންޓުން 46 ޕަސެންޓަށް އިތުރުވުމުންނެވެ.
އޮޑިޓް އޮފީހުން ބުނީ، އެ ސްކީމުގެ ދަށުން ކިޔެވުން ފުރިހަމަ ކުރަ ދަރިވަރުންގެ އަދަދު ފުރިހަމައަށް ރެކޯޑު ނުކުރެވިފައިވުމުން، އެ މީހުންގެ ފަރާތުން ގައުމަށް ހިދުމަތް ކުރާ ވަރު ދެނެގަނެވިފައި ނުވާ ކަމަށެވެ.

